ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އިންތިޒާމުކޮށްގެން ބޭއްވި މޮނިއުމަންޓް ޑިޒައިން މުބާރާތުގެ އެއްވަނައަށް ދިޔަ ޑިޒައިނާ ގުޅިގެން ލިބުން ޝަކުވާތަކުގެ ސަބަބުން އެ ޑިޒައިންތައް އަލުން ރިވިއު ކުރަން ފަށައިފިއެވެ.
މިމުބާރާތުން އެއްވަނަ ހޯދާފައިވާ ޑިޒައިން އަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާފައިވާ ޑިޒައިންތަކެއް ކަމަށް ބުނެ އާންމުން އެޗްޑީސީއަށް ހުށަހެޅި ޝަކުވާ ތަކާއި ގުޅިގެން އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައިވަނީ މުބާރާތުގެ އެއްވަނަ ޑިޒައިންތައް ރިވިއު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ.
ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި މޮނިއުމަންޓްތަކެއް ބެހެއްޓުމަށް މޮނިއުމަންޓް ޑިޒައިން ކުރުމުގެ މުބާރާތެއް އެޗްޑީސީން ބޭއްވާފައިވާއިރު، އެޗްޑީސީއިން ބުނީ މިއީ ހުޅުމާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ ކަމެއް ކަމަށެވެ. އެގޮތުން ހުޅުމާލޭގެ 17 ސަރަހައްދެއްގައި މޮނިއުމަންޓުތަކެއް ބަހައްޓަން ހަމަޖެހިފައިވާއިރު، އެ މުބާރާތަށް ޖުމްލަ ހަތް ހުށަހެޅުމެއް ލިބިފައިވެއެވެ.
އެޗްޑީސީން ބޭއްވި މޮނިއުމަންޓް ޑިޒައިން ކުރުމުގެ މުބާރާތަކީ ހުޅުމާލޭގެ ތަރައްގީއަށް ކުރަމުން އަންނަ މަސައްކަތުގައި ދިވެހި ފަންނުވެރިންގެ ޚިޔާއި ވިސްނުން ހިމެނުމުގެ މަގުސަދުގައި ކުރިޔަށް ގެންދިޔަ މުބާރާތެކެވެ. އެޗްޑީސީއިން ވަނީ ފަންނުވެރިންނަށް ފުރުސަތު ނުލިބޭ ގޮތަކަށް އަމަލު ނުކުރާނެ ކަމުގެ ޔަގީންކަން އަރުވާ، މި ފަދަ ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއަށް އަބަދު ވެސް މަރުހަބާ ކިޔާނެ ކަމަށް ބުނެފައިވެއެވެ.
މީގެއިތުރުން، އެ ހުށަހެޅުންތަކުގެ މެދުގައި ވަނަ ހޮވާފައި ވަނީ އެ ކަމަށްޓަކައި ކަނޑައެޅިފައިވާ ޕްރޮފެޝަނަލް ސްޓާފުންގެ ޖަޖުންގެ ޕެނަލަކުން ހުށަހެޅުންތައް އިވެލުއޭޓް ކުރުމަށް ފަހުގައި ކަމަށް ވެސް އެޗްޑީސީން ބުނެފައިވެއެވެ.
މިދިޔަ ސެޕްޓެންބަރު 24ގައި އެޗްޑީސީން މޮނިއުމަންޓް ޑިޒައިން ކުރުމުގެ މުބާރާތެއް އިއުލާންކޮށްފައިވާއިރު މިމުބާރާތުން އެއްވަނައަށްދާ ފަރާތަކަށް 100،000 ރުފިޔާގެ އިނާމެއް ލިބޭނެ ކަމަށް އެކޯޕަރޭޝަނުން ބުނެފައިވެއެވެ.




