މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ހުޅުމާލޭ ޖަލުގައި، ޤައިދީންނާއި ބަންދުމީހުން ޢާއިލާ އާ ބައްދަލުކުރާ ގެ ތަރައްޤީކުރުމަށްފަހު ރަސްމީކޮށް އިއްޔެ ހުޅުވައިފިއެވެ.
ހުޅުމާލޭ ޖަލުގެ ޢާއިލީ ބައްދަލުކުރާ ގެ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރަސްމީކޮށް އެ ގެ ހުޅުވައިދެއްވީ ކެލާ ދާއިރާގެ މެމްބަރު ޢަބްދުﷲ ޝަރީފްއެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، ހުޅުމާލޭ ޖަލުގެ ޑައިރެކްޓަރ ޑެޕިއުޓީ ސުޕްރިންޓެންޑަންޓް އޮފް ޕްރިޒަންސް އަޙްމަދު ޖާދުﷲ، ހުޅުމާލެ ޖަލުގެ ސީނިއަރ މެނޭޖްމަންޓް އާއި އެޖަލުގެ އޮފިސަރުން ބައިވެރިވިއެވެ.
މީގެ ކުރިން ހުޅުމާލެ ޖަލުގައި ޢާއިލީ ބައްދުލުކުރުމަށް ކަނޑައަޅާފައިވާ ތަނަކީ ފަހަރަކު އެއް ޢާއިލާއަށް ބައްދަލުވުން ފޯރުކޮށްދެވޭހާ ޖާގައިގެ ކުޑަ ތަނެކެވެ.
ނަމަވެސް އިއްޔެ ހުޅުވުނު ބައްދަލުކުރާ ގެއަކީ އޭސީކޮށް، ޖާގައިގެ ގޮތުން ތަނަވަސް އަދި ފަހަރަކު ތިން ފަރާތަކަށް އެމީހުންގެ ޢާއިލާއާ ބައްދަލުކުރުގެ ފުރުޞަތު ލިބިގެންދާ ގެއެވެ. އަދި ބައްދަލުވުމަށް ޢާއިލާއާއެކު ޖަލަށް އަންނަ ކުޑަކުދިން ވާހަކަ ކިޔުމާއި ކުޅުމަށް ބައްދަލުކުރާ ގޭގައި ޚާއްސަ ކިޑްސް ކޯނަރ އެއް ޤާއިމުކޮށްފައިވެއެވެ.
މީގެ އިތުރުން، ބައްދަލުކުރާ ގެއާއެކު އިންވެގެން އޭސީކޮށްފައިވާ ވެއިޓިންގ ރޫމްއެއް ވެސް ޤާއިމްކޮށްފައިވެއެވެ. މި ވެއިޓިންގ ރޫމް ބޭނުންކުރެވޭނީ ޢާއިލާއިން ބައްދަލުކުރުމަށް ހާޟިރުވާ މީހުން މަޑުކުރުމަށާއި އެހެނިހެން ކަންކަމުގައި ޖަލަށް ޒިޔާރަތްކުރާ މީހުން މަޑުކުރުމަށެވެ.



