މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަން އުވާލައި، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލު އަނބުރާ ގެންދިއުމަށް ބިލު އަނބުރާ ގެންގޮސްފިކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރަސްމީކޮށް އިއުލާނުކޮށްފި އެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މި މަހުގެ 19 ވަނަ ދުވަހު އެ ބިލު އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.
މަޖިލީހުގެ ގަވައިދުގައި އިބްތިދާއީ ބަހުސް ނިންމައި މަޖިލީހަށް ބިލު ބަލައިގަތުމަށް ވޯޓު ނެގުމުގެ ކުރިން ބިލު އަނބުރާ ގެންދެވޭނެ ކަމަށް ބަޔާންކޮށްފައިވާއިރު، މި ބިލު އަނބުރާ ގެންދިޔައީ ފުރަތަމަ ކިޔުން އިއްވައި، އިބްތިދާއީ ބަހުސް ފެށުމުގެ މަރުހަލާގަ އެވެ.
މިބިލު އަނބުރާ ނަގަން މަޖިލިހުގައި އެދިވަޑައިގަތީ އެއީ ސަރުކާރުގެ ސިޔާސަތު ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާތީ ކަމަށް ބިލު ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު މީގެ ކުރިން ވިދާޅުވިއެވެ.
ތުޅާދޫ ދާއިރާގެ މެންބަރު ހުށަހެޅުއްވި ބިލުގައި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އެކުލަވާލައި، އެކޮމިޝަނުގައި ޖުމްލަ ހަތް މެންބަރުން ތިބޭނެ ކަމަށާއި އެއީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ހަތަރު މީހަކާއި މީޑިއާތަކުން އައްޔަންކުރާ ތިން މީހެއް ކަމަށް ވެސް އެބިލުގައި ބަޔާން ކޮށްފައިވެއެވެ.
މީގެއިތުރުން، މީޑިއާ ތަމްސީލުކުރާ ތިން މެމްބަރުން އިންތިހާބު ކުރަން ވޯޓުލެވޭނީ، ގާނޫނުތަކުގެ ދަށުން ރަޖިސްޓަރީ ކޮށްގެން ހިންގާތާ ފަސް އަހަރު ވެފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކާއި އެތަންތަނުގައި މަސައްކަތް ކުރާ ނޫސްވެރިންނަށް އެކަނި ކަމަށް ވެސް އެބިލުގައި ހިމަނާފައިވެއެވެ.
މިބިލުގައި މީޑިއާތަކުން ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފު ވެއްޖެ ނަމަ 5،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށާއި ވަކިވަކި ނޫސްވެރިން ވެސް 5،000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ކޮމިޝަނަށް ލިބިދޭނެ ކަމަށް ހިމަނާފައިވެއެވެ.




