ޕޯޓް ކޮމްޕްލެކްސް ހުރި ބިމުގައި 25 ފަންގިފިލާގެ އިމާރާތެއް ތަރައްޤީކުރަން ނިންމާފައިވާކަމަށް އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއިން ކުރިއަށް ގެންދާ ”ހަފްތާ 52“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވަޖީހު ވިދާޅުވީ ޕޯޓް ކޮމްޕްލެކްސް ހުރި ބިމުގައި 25 ފަންގިފިލާގެ އިމާރާތެއް ތަރައްޤީކުރުމަށް ނިންމާފައިވާކަމަށާއި އެކަމުގެ މަސައްކަތް އަންނަ އަހަރު ތެރޭގައި ފަށާނެކަމަށެވެ.
ވަޖީހު ވިދާޅުވީ އެތަން އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ލަގްޒަރީ އެޕާޓްމަންޓްތަކާއި ވިޔަފާރީގެ ފުރުޞަތުތައް ފަހިވާނެ ގޮތަށް ކަމަށާއި، އެ އިމާރާތް ތަރައްޤީކުރާނީ އެކި ފަންގިފިލާތައް ޕާކިންނަށް ޚާއްސަ ޖާގަ ތަކާއި އެކު ކަމަށެވެ.
މީގެއިތުރުން، އަންނަ އަހަރު އެކުންފުނިން އިސްކަން ދީގެން ކުރުމަށް ނިންމާފައިވާ އިތުރު ކަންކަމުގެ މަޢުލޫމާތުވެސް ހިއްސާ ކުރައްވާ ވަޖީހު ވިދާޅުވީ ވިޔަފާރި ބަނދަރުތައް ތަރައްޤީކުރުމުގެ މަސައްކަތް ވެސް އެކުންފުނިން މިހާރު ކުރަމުން އަންނަ ކަމަށާއި އެގޮތުން މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އަންނަ އަހަރުތެރޭގައި ކުރާނެކަމަށާއި ލ.އަތޮޅުގައި މެރިޓައިމްގެ ހަރަކާތްތަކެއް ފަށާނެކަމަށް ވެސް ވަޖީހު ވިދާޅުވިއެވެ. މީގެއިތުރުން، އައްޑޫއާއި ކުދުދުއްފުށީ ސިޓީގެ ޕޯޓް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތްވެސް ފަށާނެކަމަށް ވެސް ވަޖީހު ވިދާޅުވިއެވެ.




