ރާއްޖޭގެ ބާޒާރުގައި ވިއްކަން ހުރި ތަދުކަނޑުވާ 2 ބޭހެއް ބޭނުން ކުރުމާއި، ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، (އެމްއެފްޑީއޭ)އިން ވަގުތީގޮތުން މަނާކޮށްފިއެވެ.
އެމްއެފްޑީއޭއިން މިއަދު ނެރެފައިވާ އެލާޓެއްގައި ބުނެފައި ވަނީ ރާއްޖޭގައި ލިބެން ހުންނަ ބޭހަކީ ފެންވަރު ރަނގަޅު ބޭސްކަން ކަށަވަރުކުރުމަށް މާކެޓުން ބޭހުގެ ސާމްޕަލް ނަގާ ޓެސްޓުކުރުމުގެ މަސައްކަތް އެއޮތޯރިޓީން ދަނީ ކުރަމުންނެވެ.
އެގޮތުން މާކެޓުން ނެގި ސާމްޕަލްތައް ނަގާ ސްކްރީން ކުރުމުން، މެލޭޝިއާގެ ކުންފުންޏަކުން އުފައްދާފައިވާ، އެކްސެލް މެފެނަމިކް އެސިޑް ސަސްޕެންޝަންއާއި ޕާކިސްތާންގެ ކުންފުންޏަކުން އުފައްދާފައިވާ، މެފްނެކް ނަމަކަށް ކިޔާ ބޭހެއްގައި ނުރައްކާތެރި ކެމިކަލް މާއްދާއެއްކަމަށްވާ ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލްއަށް ޕޮޒިޓިވްވެފައިވާކަން ފާހަގަކޮށް އެއޮތޯރިޓީން ބުނީ އެކަން އިތުރަށް ކަށަވަރުކުރުމަށް ރާއްޖޭން ބޭރަށް ސާމްޕަލް ފޮނުވައިގެން ޓެސްޓުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ކަމަށެވެ.
އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިދެބޭހުގެ އެއްވެސް ބެޗެއް އެމްއެފްޑީއޭއިން ވަކި ގޮތެއް އަންގަންދެން ރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމާއި ބޭނުން ކުރުން ވަގުތީގޮތުން މަނާކޮށްފައިވާކަމަށް އެމްއެފްޑީއޭއިން ބުނެފައިވެއެވެ.
މިވަގުތު ބޭސްފިހާރަތަކުގެ ގުދަންތަކުގައި ހުރި މިދެބާވަތުގެ ބޭސް ވަކިކޮށްފައި ބެހެއްޓުމަށް އަންގައި އެމްއެފްޑީއޭއިންވަނީ މިބޭހާމެދު ސަމާލުވުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.




