ފުރްޤާން މިސްކިތުގައި ހުރި މުސްޙަފްތަކެއް އުކާލައި އެ މިސްކިތައް ގެއްލުންތަކެއް ދިން މީހާ ފުލުހުން ހައްޔަރު ކޮށްފިއެވެ.
މިމަހުގެ 24 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހިނގި މިހާދިސާ އާންމުންގެ ސަމާލުކަމަށް އައިސްފައިވަނީ ދީނީ ޢިލްމުވެރިޔާ ޝެއިޚް އާދަމް ނިޝާމް އަލީ އާދަމް ފޭސްބުކްގައި ޖެހި ޕޯސްޓަކަށްފަހުއެވެ.
އެގޮތުން ޝެއިޚް ވިދާޅުވީ އެދުވަހުގެ ފަތިސް ނަމާދުގެ ކުރިން ފުރްޤާން މިސްކިތުގެ ފަހަތުގައި ހުރި މުސްޙަފްތައް މުޅިތަނަށް އުކާލައި، އިމާމް ހުންނަ ދިމާލުގެ ކަރަންޓް ބޯޑުތަކާއި އެއަށް ޖަހާފައިހުރި އެޑެޕްޓަރުތައް ތަޅާ ހިމުންކޮށްލައި އަދި ވުޟޫ ކުރާ ބައިގެ ބައެއް އިސްކުރުތައް ބިންދާލައި މިސްކިތުގެ ބައެއް އެއްޗެހި އެތަނަށް އުކާލާ ހަދާފައި ހުރި ކަމަށެވެ.
މިކަން ކޮށްފައިވަނީ މިމިސްކިތުގައި އަބަދުހެން، ނަމާދު ގަޑިތަކުގައިވެސް ނިދާފައި އޮންނަ “ބުއްދިފިލާ ގޮސްފައިވާ” ޒުވާނެއް ކަމަށް ވެސް ޝެއިޚް ތުހުމަތު ކުރައްވާފައިވެއެވެ. އައި މީގެ ކުރިން އެތައް ފަހަރަކުވެސް އެމީހާ ވަނީ މުސްޙަފްތައް އުކާލުމާއި މިފަދަ އެތައް ކަމެއް އެ މިސްކިތުގައި ކޮށްފައި ކަމަށް ވެސް ޝެއިޚް ވިދާޅުވިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ފުރްޤާން މިސްކިތައް ގެއްލުންތަކެއް ދިނުމާ ގުޅިގެން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެގޮތުން މި މައްސަލައިގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ ގ. މާލެހިޔާ-2 (02-13) ނައުޝާދު މޫސާ (30އ.) އެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.




