ހުޅުމާލޭ ސްކޭޓް ޕާކު ސަރަހައްދުގައި އިއްޔެ ބަރަހަނާ ހާލުގައި އުޅުނު މީހާ މިހާރު އާއިލާ އާއި ހަވާލުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ހާމަކޮށްފިއެވެ.
އިއްޔެ ސޯޝަލް މީޑިއާގައި ފެތުރުނު ވީޑިއޯއެއްގައި ފެނުނު ގޮތުގައި، ހުޅުމާލޭ ސްކޭޓް ޕާކު ސަރަހައްދުގައި އެ މީހާ ހުރީ އެއްވެސް އަންނައުނެއް ނުލައި ފުރިހަމައަށް ބަރަހަނާވެފައެވެ. އޭނާގެ ގަމީސް ފެންނަން ހުރީ ސްކޭޓް ޕާކުގެ ފެންސް މަތީގައެވެ. އަދި ތިރީގައި ހެލްމެޓަކާއި ދަބަހެއް އޮތްތަން ވެސް ފެނުނެވެ. އެ ވަގުތު އޭނާ ހުރީ ސިނގިރޭޓެއް ބޯން ކަމަށް ވީޑިއޯއިން ދައްކައެވެ.
ފުލުހުން ބުނި ގޮތުގައި މި ހާދިސާގައި ބަރަހަނާވެގެން އުޅުނު މީހާއަކީ ދިވެހި ފިރިހެނެކެވެ. އޭނާ އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށްފަހު މިހާރު ވަނީ އޭނާ އާއިލާއާއި ހަވާލުކޮށްފައި ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
މިމައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ މީހާގެ މައްޗަށް އެއްވެސް ފިޔަވަޅެއް އެޅި ކަމެއް އަދި އޭނާގެ އެއްވެސް ނަފުސާނީ ބައްޔެއް ހުރި ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.



