ގަވާއިދާ ޚިލާފަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަނިކޮށް އަތުލައިގަތް ސްރީލަންކާގެ މަސްބޯޓަކުން މަސްތުވާތަކެތި ފެނުމާ ގުޅިގެން ހައްޔަރުކުރެވުނު 5 މީހުން 30 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މައްސަލައިގައި ހައްޔަރުކުރެވިފައިވަނީ ރާޖްޕަކްޝަ ގެމަގޭ ދެނޫޝަ މަޑުމަލް (21 އަހަރު)، މުއްތިމާ ޕަޓަބިންދިގޭ އަމިޝްކް ސަންޖީވަ ކުމާރަ (22 އަހަރު)، ޗަމޮދް ދިވަންގާ ދިލަކާވަ (22 އަހަރު)، ލޮރެންސު ހޭވާގީ ސަރަތު (56 އަހަރު) އަދި ވިޖޭވީރަ ގުނަރަތުނާ މަހާވިދޯމާ (37 އަހަރު) އެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހދ. މަކުނުދޫ ބޭރުން ”އަށެންޕުތަ“ ނަމަކަށް ކިޔާ ސްރީލަންކާގެ މަސްބޯޓެއް އަތުލައިގަނެވުނެވެ. މި ބޯޓުން ޖުމްލަ 468.6 ކިލޯގްރާމްގެ މަސްތުވާތަކެތި ފެނުނު ކަމަށް ފުލުހުން ވިދާޅުވިއެވެ. މީގެ ތެރޭގައި ހިމެނެނީ 344 ކިލޯގްރާމްގެ ކްރިސްޓަލް މެތު އަދި 124.6 ކިލޯގްރާމްގެ ކޮކެއިން ކަމަށް ފުރަތަމަ މަރުހަލާގެ ޓެސްޓުތަކުން ދައްކާ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވިއެވެ.
މި މައްސަލައިގެ ތަޙުޤީޤު މިހާރު ކުރިއަށް ގެންދަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ކުޅުދުއްފުށި ސިޓީ ޕޮލިސް ގުޅިގެންނެވެ.



