ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް އަންނަ އަހަރުގެ މެދުތެރޭގައި ބޭނުންކުރަން ފަށާނެ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް، އެސްއޯއީ ކޮމެޓީގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ސަރުކާރުން ފުރަތަމަ އަމާޒު ހިފީ މިއަހަރު ނިމުމުގެ ކުރިން އައު ޓަރމިނަލްގެ ބައެއް ހުޅުވުމަށް ކަމަށެވެ.
މިހާރު މަސައްކަތް ގޮސްފައިވާ ހިސާބަށް ބަލާއިރު، ޓަރމިނަލްގެ އެއްބައި އޮޕަރޭޝަނަށް ގެނެވިދާނެކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ މިއީ ފަތުރުވެރިކަމުގެ ހައި ސީޒަންގައި ގެންނަން ރަނގަޅު ބަދަލެއް ނޫން ކަމަށް އެއަރލައިންތަކުގެ ޖަމްޢިއްޔާއިން ލަފާ ދީފައިވާތީ، މުޅި ޓަރމިނަލް އެއްކޮށް ހުޅުވާ ބޭނުންކުރަން އަންނަ އަހަރުގެ މެދުތެރޭގައި ފަށަން ނިންމާފައިވާ ކަމަށެވެ.
”އެއަރލައިން އޮޕަރޭޓަރސްއިން އެޕްރޯޗުކޮށްފައި ވިދާޅުވީ، ކޮމްޕޯނަންޓެއް ނުހުޅުވާ، މުޅި ޓަރމިނަލް ލޯ ސީސަންގައި ހުޅުވަން، އެލަފާ އަޑުއައްސަވާ ރައީސް ނިންމެވީ، އަންނަ އަހަރުގެ ޖޫން ނޫނީ ޖުލައިގައި އެއަރޕޯޓު ހުޅުވުމަށް،“ ޝަރީފް ވިދާޅުވިއެވެ.
ޓަރމިނަލްގެ މަސައްކަތްތައްދަނީ ތާވަލާ އެއްގޮތަށްކަން ހާމަކުރައްވާ ޝަރީފް އިތުރަށް ވިދާޅުވީ މިހާ ހިސާބަށް އައިއިރު މަސައްކަތުގެ %85 ނިމިފައިވާ ކަމަށާއި އެމްއޭސީއެލްއިން މަސައްކަތްކުރަމުންދަނީ ކޮންޓްރެކްޓަރާއި ވަރަށް ގާތުން ކަމަށެވެ.
ވީ.އައި.އޭގައި ތަރައްގީކުރާ 78 ހާސް އަކަ މީޓަރުގެ އައު ޓަރމިނަލަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރުގެ ޓަރމިނަލެކެވެ.އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކުރާ މިޓާމިނަލްގައި އެއިރޯ ބޯޑިން ބްރިޖްތަކާއި، އެންމެ ފަހުގެ ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމްތައް ޓަރމިނަލްގައި ހުންނާނެއެވެ.



