ސިޔާސީ މަގާމުތަކުގައި ތިބެ ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމި މައްސަލަ އިސްތިއުނާފް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އިއްޔެ އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުން ވަކިކުރެވުނު މުހައްމަދު ރާގިބު އަހްމަދެވެ.
ހައި ކޯޓުން މި ނިންމުން ނިންމީ، އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގި މައްސަލައެއްގައި ދައުވާލިބޭ މީހެއްގެ ގާނޫނީ ވަކީލެއްގެ ގޮތުން ރާގިބު ދައުލަތާ ދެކޮޅަށް ވަކާލާތު ކުރި މައްސަލައަކާ ގުޅިގެންނެވެ.
މީގެއިތުރުން، ގދ. ތިނަދޫގެ ސިޓީ ދަރަޖަ ބާތިލް ކުރަން އެދި ހައިކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ރާގިބު އިއްޔެ މަގާމުން ވަކިކޮށްފައިވެއެވެ. ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި، އޭނާ ވަޒީފާއިން ވަކިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށެވެ.
ސިޔާސީ މަގާމުތަކުގައި ތިބެގެން ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށް މީގެކުރިން ރައީސް އޮފީހުން ބުނެފައިވީ ނަމަވެސް، ކްރިމިނަލް ކޯޓުން ވަނީ ސިޔާސީ މަގާމެއްގައި ހުއްޓަސް، ދައުލަތާ ދެކޮޅަށް ވަކާލާތު ކުރެވޭނެ ކަމަށް ކަނޑައަޅައި، ރާގިބަށް އެހެން މައްސަލައެއްގައި ވަކާލާތު ކުރުމުގެ ފުރުސަތު ދީފައެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ބުނެފައިވަނީ ސިޔާސީ މަގާމެއްގައި ހުރެ ދައުލަތާ ދެކޮޅަށް ވަކާލާތު ކުރުމަކީ ސަރުކާރުގެ މަސްލަހަތާ ދެކޮޅަށް މަސައްކަތް ކުރުން ކަމަށާއި އެފަދަ މަގާމެއްގައި ހުރި މީހެއްގެ އެންމެ މުހިންމު ކަމަކަށް ވާން ޖެހޭނީ ދައުލަތުގެ މަސްލަހަތު އިސްކުރުން ކަމަށެވެ.



