ލުބްނާނުގައި ގިނަ ދުވަސްތަކެއް ދެމިގެންދިޔަ ހަނގުރާމަ ހުއްޓާލައި އެ ޤައުމަށް އަމާންކަން ގެންނަން އިޒްރޭލާއި ހިޒްބުﷲ ޖަމާޢަތުން ނިންމައިފިއެވެ.
ބޭރުގެ ޚަބަރުތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހިޒްބުﷲ އާއި އިޒްރޭލު ސިފައިންނާ ދެމެދު ދެމުންދިޔަ ހަމަލާތައް ހުއްޓާލުމަށް ނިންމީ މިއަދު ފަތިހުގެ ވަގުތެއްގައެވެ. އަދި މިއީ ދާއިމީކޮށް ނިންމި ނިންމުމެއް ކަމުގައި އެ ދެފަރާތުން ވެސް އުންމީދުކުރާ ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.
ލުބްނާނަށް ހަމަލާ ދިނުން ހުއްޓާލަން އިޒްރޭލުން ނިންމާފައި މިވަނީ އެ ޤައުމުގެ އުތުރު އައްސޭރިއަށް ހަމަލާދެމުންގެންދާތާ އެއް އަހަރަށްވުރެ ގިނަ ދުވަހަށް ފަހުގައެވެ.
މިހަމަލާތައް ދިނުން ހުއްޓުމާ ގުޅޭގޮތުން އިޒްރޭލުގެ އެންމެ އެކުވެރި އެއް ޤައުމު ކަމަށްވާ އެމެރިކާގެ ރައީސް ޖޯ ބައިޑަން ބުނީ، ލުބްނާނަށް ހަމަލާ ދިނުން ހުއްޓާލައި، ހިޒްބުﷲ އާއެކު ސުލްހަވެރި އެއްބަސްވުމަކަށް ދާން އިޒްރޭލުން މަސައްކަތް ފެށީ މީގެ 60 ދުވަސް ކުރިން ކަމަށެވެ. އެގޮތުން އެ މުއްދަތުގައި އިޒްރޭލު ސިފައިން ލުބްނާނުގައި އެންމެ ގަދަޔަށް ހަރަކާތްތެރިވަމުން ދިޔަ އަވަށްތަކުން ފައިބާ، އެތަނަށް ހިޒްބުﷲ ޖަމާއަތުން ވެރިވެގަންނަން ފުރުސަތު ދިން ކަމަށް ވެސް ބައިޑަން ބުންޏެވެ. ނަމަވެސް އެތަންތަނުގައި އިތުރަށް އިޒްރޭލާ ދެކޮޅަށް ހަނގުރާމަވެރި ރޭވުންތައް ނުރާވާތޯ އިޒްރޭލު ސިފައިންގެ ބަޔަކު ވަރަށް ގާތުން ބަލަމުން ދިޔަ ކަމަށް ވެސް ބައިޑަން ބުނެފައިވެއެވެ.
އެމެރިކާގެ ރައީސް މިހެން ބުނި ކަމުގައިވިޔަސް، ދާދި ފަހަކާ ޖެހެންދެން ވެސް އިޒްރޭލު ސިފައިން ދިޔައީ ލުބްނާނުގެ ވެރިރަށް ބެއިރޫތަށް ނުރައްކާތެރި އެތައް ހަމަލާތަކެއް ދެމުންނެވެ. އަދި އެ ހަމަލާތަކުގެ ސަބަބުން އާންމުންގެ އެތައް ބަޔަކު މަރުވެ، ޒަހަމްވެސް ވެފައިވެއެވެ.



