ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސްޕޯޓްސް ކާރަކުން ޖެހި ފިރިހެނަކަށް ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލައިގައި، އެކާރު ދުއްވަން އިން އިބްރާހިމް އިކްރާމްގެ މައްޗަށް ދައުލަތުން ކުރި ހުރިހާ ދައުވާތަކަށް އޭނާ އިއުތިރާފުވެއްޖެ އެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަހަރުގެ ޖުލައި މަހުގައެވެ. އެގޮތުން ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ އެ ސްޕޯޓްސް ކާރު ކޮންޓްރޯލު ނެވެގެން ގޮސް ޖެހިފައިވަނީ އެވަގުތު ސައިކަލެއްގައި މަޑުކޮށްގެން އިން ފިރިހެނެއްގެ ގައިގައެވެ. ކާރުން ޖެހި އެމީހާ ވިއްސާއިގެންދާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އެއިރު ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. މިހާދިސާގައި އެމީހާއަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފައެވެ.
މި ހާދިސާއާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ކާރު ދުއްވަން އިން މ. ލޭންޑް އޮފް ގާޑެން އިބްރާހިމް އިކްރާމާއި ކާރުގައި އެވަގުތު ތިބި ހ. ނޫރަންމާގެއާގޭ އިކްރާމުއްރަހްމާނާއި ގއ. ކަނޑުހުޅުދޫ އާޒާދުގޭ ޖިނާހު އިސްމާއިލް އެވެ. އެނގިފައިވާ ގޮތުގައި އެ ކާރަކީ ޖިނާހުގެ ބެލުމުގެ ދަށުގައި އޮތް ކާރެކެވެ.
ކްރިމިނަލް ކޯޓުގައި މިމައްސަލައާ ގުޅިގެން މިއަދު އޮތް އަޑުއެހުމުގައި ދައުލަތުން ވަނީ މި ތިން މީހުންގެ މައްޗަށް ކޮށްފައިވާ ދައުވާތައް އިއްވާފައެވެ. އެއަށްފަހު ދައުވާތަކަށް ޖަވާބުދާރީވާން ފުރުސަތު ދިނުމުން އިކްރާމްގެ ވަކީލު ވިދާޅުވީ އިކްރާމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކަށް އޭނާ އިއުތިރާފުވާ ކަމަށާއި ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއް ހަދަން ބޭނުންވެ އެކަން ހުށަހަޅާފައިވާނެ ކަމަށެވެ. އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ އެ ހުށަހެޅުން ލިބިފައިވާ ކަމަށާއި އިކްރާމްއާއެކު އެއްބަސްވުމެއް ހެދުމާމެދު ގޮތެއް ނިންމުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ އެއްބަސްވުން ހަދައި ނިމެންދެން ޝަރީއަތުގައި ދައުވާތަކަށް ޖަވާބުދާރީނުވެ މަޑުކުރަން އިކްރާމްގެ ވަކީލް އެދުނު ނަމަވެސް، މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް އެންގެވީ މިއަދުގެ އަޑުއެހުމުގައި ދައުވާތަކަށް ޝަރީއަތުގައި ވެސް ޖަވާބުދާރީވުމަށެވެ. އެ އެންގެވުމާ ގުޅިގެން ވަކީލް ވިދާޅުވީ އިކްރާމްގެ މައްޗަށް ކުރާ ހަ ދައުވާއަށް ވެސް އޭނާ އިއުތިރާފުވާ ކަމަށެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ އިކްރާމުއްރަހްމާނާއި ޖިނާހު އިސްލާއިލް ވަނީ އެމީހުންގެ މައްޗަށް ކޯށްފައިވާ ދައުވާތަކަށް އިންކާރު ކޮށްފައެވެ.



