ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވާ ޕާޓީ ބަދަލުކުރުމުން މެންބަރުގެ ގޮނޑި ގެއްލޭ ގޮތަށްގާނޫނުއަސާސީ އަށް ގެނައި އިސްލާހުތައް ބާތިލު ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަނެފިއެވެ.
ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިން މިދިޔަ އާދިއްތަ ދުވަހު ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާއިރު، މި މައްސަލައިގެ ތެރެއަށް ތަދަހުއްލުވުމަށް އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް ޕާޓީން އޮތީ ހުށަހަޅައިފައެވެ.
އަލީ ޙުސައިން ހުށަހެޅިއްވި މައްސަލައިގައި ގާނޫނުއަސާސީ ހަވަނަ އިސްލާހު ގެނެސްފައި ވަނީ ގާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާ އާއި އަށްވަނަ މާއްދާ އާއި 26 ވަނަ މާއްދާ އާއި 75 ވަނަ މާއްދާ އަދި 90 ވަނަ މާއްދާއާ ހިލާފަށް ކަމަށް ބަޔާންކޮށްފައިވާއިރު، އެއީ، ގާނޫނުއަސާސީގެ އަސާސީ އޮނނިގަނޑާ ވެސް ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ބަޔާންކޮށްފައިވެއެވެ.
ގާނޫނުއަސާސީއަށް މިއިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން މިދިޔަ ބުދަ ދުވަހު ހުށަހަޅާއި ހަމަ އެދުވަހު މުޅި މަޖިލީހުގެ ކޮމިޓީން ފާސް ކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާއިރު، އެދުވަހުގެ އިރާކޮޅު ރައީސް ޑރ. މުޢިޢްޒު ވަނީ އެ ބިލު ތަސްދީގު ކުރައްވައިފަ އެވެ.



