އަންނަ އަހަރުގެ މާޗް މަހު ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ނޭޝަނަލް އިމަޖެންސީ ސާވިސްގެ ހިދުމަތް ފުޅާކުރުމަށްޓަކައި އަދި ޓޫރިޒަމްގެ ދާއިރާގެ ބޭނުމަށް ހެލިކޮޕްޓަރުގެ ހިދުމަތް އޮގަސްޓު މަހު ހުޅުވާލައިފައިވާއިރު ބޭރުގެ 36 ކުންފުންޏަކުން ވެސް ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިކަމާއި ގުޅޭގޮތުން މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖޭގައި އެ ހިދުމަތް ފަށާނީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުރިހާ މިންގަނޑަކަށް ފެތޭ ގޮތަށް ކަމަށާއި ކުރިއަތް އޮތް ދެ ހަފުތާ ތެރޭގައި ހެލިކޮޕްޓަރު އޮޕަރޭޓުކުރާ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށެވެ.
މީގެ 22 އަހަރު ކުރިން ކުރިން ރާއްޖޭގައި ހެލިކޮޕްޓަރު ދުއްވިއިރު ހިތާމަވެރި އެތައް ހާދިސާއެއް ހިނގާފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ހެލިކޮޕްޓަރު ދުއްވުމަށް އެ ބިރު ކުރިން އޮތް ކަމަށެވެ. އެހެންނަމަވެސް އެ މަސައްކަތް އަލުން ފެށުމަށް އެނަލިސިން ހެދީ އިނގިރޭސިވިލާތުގެ ސީއޭގެ ރިކޮމަންޑޭޝަންތަކާއެކު ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
”މި ބަދަލަކީ ވެސް އިނގިރޭސިވިލާތުގެ ސީއޭގެ ރިކޮމަންޑޭޝަންތަކާއެކު، ސަލާމަތީ ގޮތުން ރާއްޖެއަށް އޮޕަރޭޓްކުރުމަށް އެންމެ ރަނގަޅު ފެންވަރުގެ ހެލިކޮޕްޓަރުތައް ރާއްޖޭގައި އޮޕަރޭޓް ކުރާނީ. އެއީ ރެގިއުލޭޓާއިން ކަނޑައަޅާ ވައްތަރެއްގެ ސައިޒެއްގެ ސަލާމަތީ ގޮތުން ރަައްކާތެރި، ވަކި ވައްތަރެއްގެ ހެލިކޮޕްޓަރު ފެށުމަށް މި ހުޅުވާލީ،“ މިނިސްޓަރު ވިދާޅުވި އެވެ
އަމީން ވިދާޅުވީ މީގެ ސަބަބުން، އެއް ރަށުން އަނެއް ރަށަށް ނުވަތަ މާލެއަށް ބަލިމީހުން އުފުލުމާއި ރޭގަނޑު ޓޫރިސްޓުން އުފުލުމަށް ކުރުމުގައި ހުރި ދަތިތަކަށް ވެސް ހައްލު ލިބިގެންދާނެ ކަމަށެވެ.



