އިސްރަށްވެހިންގެ ރަޖިސްޓްރީއެއް އެކުލަވާލުމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާއި ޕެންޝަން އޮފީހުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިއެއްބަސްވުމުގެ ދަށުން އިސްރަށްވެހިންގެ ރަޖިސްޓްރީއެއް އެކުލަވާލުމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދެވިގެންދާނެއެވެ.
މި އެއްބަސްވުމުގައި މިއަދު ޕެންޝަން އޮފީހުގެ ފަރާތުން ސީއީއޯ ސުޖާތާ ޙަލީމް ސޮއިކުރައްވާފައިވާއިރު، މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހީމް އިސްމާޢީލެވެ.
ދައުލަތުގެ އެކި އިދާރާތަކުން އިސްރަށްވެހިންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިސްރަށްވެހިންގެ ރަޖިސްޓްރީއެއް އެކުލަވާލުމަށް އެހީތެރިވުމުގެ ގޮތުން ވެފައިވާ މި އެއްބަސްވުމުގެ ދަށުން، ޕެންޝަން އޮފީހުން ތައްޔާރުކޮށްފައިވާ ޚާއްސަ ޕޯޓަލްއެއް މެދުވެރިކޮށް އިސްރަށްވެހިންގެ ރަޖިސްޓްރީ ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް އެ މަޢުލޫމާތު ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ޕެންޝަން އޮފީހުން މިނިސްޓްރީ އަށް ފޯރުކޮށްދެވިގެންދާނެއެވެ.



