ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ޑިރެކްޓަރެއް ހޯދުމަށް އިޢުލާންކޮށްފިއެވެ. މި މަޤާމަށް ކުރިމަތިލާން ޝައުޤުވެރިވާ ފަރާތްތަކަށް އެޕްލައި ކުރުމުގެ ފުރުޞަތު އަންނަ މަހުގެ 5 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
މި މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ނޫސްވެރިކަމުގެ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ނޫސްވެރިކަމުގެ ދާއިރާއިން މަދުވެގެން 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ. މީޑިއާ ޑިރެކްޓަރުގެ މުސާރައަކީ މަހަކު 15,950 ރުފިޔާއެވެ. އަދި މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުސޫލުން އިތުރު އެލަވަންސްތައްވެސް ލިބޭނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޑިރެކްޓަރުގެ މަޤާމުގައި އެންމެ ފަހުން ހުންނެވީ ހަސަން ޒިޔާއުއެވެ. 2019 ވަނަ އަހަރު އެ މަޤާމާ ހަވާލުވެވަޑައިގަތް ޒިޔާއު ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު މަޤާމުން ވަކިކޮށްފައެވެ.


