މާފަންނު ޝަހީދުއަލީ ގޯޅީގައި ހުރި ކެފޭއެއްގައި މިރޭ ހިނގި މާރާމާރީއެއްގައި 44 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން މީޑިއާ އާއި ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ މާފަންނު ޝަހީދު އަލީ ގޯޅީގައި ހުރި ކެފޭއެއްގައި މަރާމާރީއެއް ހިންގާފައިވާ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މިހާރު މި މައްސަލަ ބަލަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މާރާމާރީގައި އަނިޔާވި 44 އަހަރުގެ ދިވެހި ފިރިހެނާއަށް ފަރުވާ ދިނުމަށްޓަކައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް މައްސަލަ ތަހުގީގުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފާއިތުވި ދުވަސްތަކުގައި މާލޭގައި ގޭންގު މާރާމާރީގެ ބައެއް މައްސަލަތައް އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.
މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ލިބުމުން އާންމުކުރާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.



