ހަރުކަށި ފިޔަވަޅުތަކަކާއެކު، ފުލުހުންނަށް ގިނަ ބާރުތަކެއް ވެސް ލިބިދޭގޮތަށް ”ގޭންގު“ ބިލުގެ ފައިނަލް ޑްރާފްޓު އެކުލަވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅަން ނިންމާފައިވާ މި ބިލުގައި ކޯޓު އަމުރަކާ ނުލައި ވެސް ފުލުހުންނަށް ގިނަ ކަންކަން ކުރެވޭނެ ބާރު ހިމަނާފައިވެއެވެ. އަދި ކުށަކުން ދިފާއުވުމަށް އޮންނަ ހައްގުތައް ހަނިކުރުން ނުވަތަ ހިފެހެއްޓުން ވެސް މި ބިލުގައި ހިމަނާފައިވެއެވެ.
އެގޮތުން މި ބިލުގެ ފައިނަލް ޑްރާފްޓުގައި ބުނެފައިވަނީ ގޭންގު ކުށްތަކުގައި ހައްޔަރު ކުރާ މީހުންނަށް ހަނުހުރުމުގެ ހައްޤު އެއްގޮތަކަށް ވެސް ނޯންނާނެ ކަމަށެވެ.
މީގެ އިތުރުން މިފަދަ ކުށެއްގައި ހައްޔަރު ކުރާ މީހަކު ތަހުގީގު މަރުހަލާ އާއި ޝަރީއަތުގެ މަރުހަލާ ނިމެންދެން ބަންދުކުރަން ޖެހޭނެކަން ބަޔާންކޮށް، ބަންދުން ދޫވުމަށް އެދުމުގެ ހައްގު ވަކި މިންވަރަކަށް ހިފެހެއްޓިފައިވާނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
މި ބިލުގައި އިތުރަށް ބަޔާންކޮށްފައިވަނީ، ގޭންގު ކުށެއްގައި ހައްޔަރުކުރާ މީހަކު ޤާނޫނީ ވަކީލެއްގެ ހާޒިރުގައި ސުވާލު ކުރަން އެދޭނަމަ، ވަކީލެއް ކަނޑައަޅަން ދޭންވާނީ ހަ ގަޑިއިރު ކަމަށެވެ. ވަކީލަކު އައްޔަނުކޮށް އެ ވަކީލު ހާޒިރު ނުވެއްޖެނަމަ އެހެން ވަކީލަކު އައްޔަނު ކުރުމަށްވެސް ދޭންވާނީ ހަ ގަޑިއިރު ކަމަށް މި ބިލުގެ ޑްރާފްޓުގައި ބަޔާންކޮށްފައިވެއެވެ.
މި އުސޫލުގެ ދަށުން ވަކީލަކު ހާޒިރު ކުރުމަށްފަހު ކުށްކުރިކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރުކުރާ ހިނދުން ފެށިގެން ފުރަތަމަ 96 ގަޑިއިރު ނުވަތަ ފުރަތަމަ ހަތަރު ދުވަހު ވަކީލަކާ ވަކިން މަޝްވަރާ ކުރުމުގެ ފުރުސަތެއް ނުލިބޭނެއެވެ. ފުރަތަމަ ހަތަރު ދުވަހު މަޝްވަރާ ކުރެވޭނީ ފުލުހެއްގެ ހާޒިރުގައެވެ.
މީގެއިތުރުން ގާނޫނުގައި ބަޔާންކުރާ ކުށްތަކަކީ ކަފާލާތު ނުދެވޭނެ ކުށްތަކެއްކަން ވެސް ބަޔާންކޮށްފައިވެއެވެ. އަދި މިފަދަ ކުށްތަކުގައި ހައްޔަރު ކުރާ މީހުންނަށް ޕެރޯލާއި މާފު ވެސް ނުދެވޭނެކަން ވެސް ބަޔާންކޮށްފައިވެއެވެ.



