މައުލޫމާތު ހާމަކުރުމުގައި ކުޑަކުދިންގެ ހައްގުތަކަށް އުނިކަމެއް ނާންނަގޮތަށް އަމަލު ކުރުމަށް ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން އެދިއްޖެއެވެ.
މިކަމާ ގުޅޭގޮތުން އެ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުޑަކުދިންނަކީ ހާއްސަ ރައްކާތެރިކަން ލިބެންޖެހޭ ބައެއްކަން ގާނޫނު އަސާސީ އާއި ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކުގައި ބުނެފައިވާ ކަމަށެވެ. އެހެންކަމުން އެކުދިންނަށް ނަފްސާނީ އަދި ޖިސްމާނީ ގޮތުން ކުޑަކުދިންނަށް އެއްވެސް އަނިޔާއެއް ލިބިދާނެ ހުހިހާ ކަމަކުން އެކުދިން ރައްކާތެރި ކުރުމަކީ ދިވެހި ދައުލަތުގެ ޒިންމާއެއް ކަމުގައި ވެސް ބަޔާނުގައި ބުނެފައިވެއެވެ.
ނަމަވެސް ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ޤާނޫނާ ޚިލާފަށް އަދި ކުޑަކުދިންގެ ކަރާމާތަށް ގެއްލުން ލިބޭފަދަ ގޮތަކަށް ބައެއް މީޑިއާތަކުން އެކުދިންގެ ޒާތީ މައުލޫމާތު އާންމުކުރާކަން ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ވަނީ ހާމަކޮށްފައެވެ. އަދި މިއީ އެއޮފީހުން ކަންބޮޑުވާ ކަމެއް ކަމުގައިވެސް ބުނެފައިވެއެވެ.
”މިފަދަ ކަންކަމަކީ ކުއްޖާގެ ކަރާމާތާއި ރައްކާތެރިކަމަށް އުނިކަމެއް އަތުވެދާނެ ފަދަ ކަމެއް ކަމާއި މި ގޮތަށް މައުލޫމާތު އާއްމުކުރުމަކީ މިކަމުގެ ސަބަބުން ކުޑަކުދިންގެ މަސްލަހަތު ރައްކާތެރި ނުކުރެވި، ކުއްޖާ އަނިޔާއަކަށް އަދި ނުރައްކަލަށް ނުވަތަ ގޯނާއަކަށް ހުށަހެޅިދާނެ ކަމެއްކަމުގައި ދެކެން“ އެއޮފީހުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން އެ ބަޔާނުގައި ބުނެފައިވަނީ ކުށުގެ ޝިކާރައަކަށް ވެފައިވާ ކުދިންނާއި ނާޒުކު ހާލަތުގައި ތިބި ކުދިންގެ މައުލޫމާތު އާއްމުކުރަން އޮމްބަޑްސްޕާސަންގެ އޮފީހުން ހުއްދަކުރާ މިންވަރާ ހިލާފަށް ސީދާ އަދި ނުސީދާ ގޮތުން ވިއަސް ކުޑަކުދިންގެ ޒާތީ މައުލޫމާތު އާއްމުކޮށްފިކަން އެނގިއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.



