ޒަކާތުގެ ގޮތުގައި ކުރިން 14 މިލިއަން ރުފިޔާ ލިބުން ނަމަވެސް މިހާރު އެއަދަދު 100 މިލިއަން ރުފިޔާއާ ގާތްވެއްޖެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ޒަކާތު މަހާސިންތާ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުން މިނިސްޓަރ ޝަހީމް ވިދާޅުވީ ޒަކާތުގެ ނިޒާމަކީ ހުރިހާ ދުވަސްވަރެއްގައި ވެސް ވަރަށް ހަރުދަނާ ގޮތެއްގައި ހިނގަމުން އަންނަ ނިޒާމެއް ކަމަށާއި އެކި ކުރިއެރުންތައް ވެސް އެ ނިޒާމަށް ލިބެމުން އަންނަ ކަމަށެވެ.
އެގޮތުން 2008 ވަނަ އަހަރު ޑރ. އަބްދުލްމަޖީދު އަބްދުލްބާރީގެ މިނިސްޓަރުކަމުގައި އެ ނިޒާމަށް ހަރުދަނާ ބަދަލުތަކެއް ގެނެސްފައިވާކަން މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ.
”އޭގެ ތެރޭގައި ޔަތީމު ކުދިންގެ ފޮތް، ފަންސޫރަށް ފައިސާ ދޫކުރުމާ އެކު އެ ބަދަލުގެ ދަށުން ފަގީރު ކުދިންގެ މަތީ ތައުލީމަށް ވެސް އޭރު ހޭދަކުރަން ނިންމި. އިސްލާމީ އިގްތިސާދާއި އިސްލާމީ މުޖުތަމައަކަށް ބޭނުންވާ އެކި ދާއިރާތަކުން މަތީ ތައުލީމަށް ކިޔަވަން ފުރުސަތު ފަހިކޮށްދިންއިރު އޭގެ ސަބަބުން ރާއްޖޭގެ އިސްލާމީ މާލީ މުއައްސަސާތައް އަމިއްލަ ފައި މައްޗަށް ތެދުވުމަށް ވެސް ފަހިވި“ އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ މިނޫން ވެސް ވަރަށް ގިނަ ބަދަލުތައް އެ ދުވަސްވަރު ގެނައި ކަމަށެވެ. އޭގެތެރޭގައި މީހުން ހޭލުންތެރިކުރުމާއި ފޮތްތައް ތަރުޖަމާކުރުމާއި އެކި ކުންފުނިތަކަށް ބައްދަލުކޮށް ޒަކާތް ހޯދުމަށް މަސައްކަތް ކުރިކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.



