ޕޮލިޓެކްނިކް ރިބްރޭންޑް ކުރަން ނިންމައިފައިވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިއާ މިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ޕޮލިޓެކްނިކް ޒަމާނީކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެއެވެ. އަދި މިހާރުގެ ޒުވާނުންނަށް އުފާވެރި މާހައުލެއްގައި ކިޔެވޭނެ މަގު ތަނަވަސްކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ޕޮލިޓެކްނިކް ވެގެންދާނީ ޒުވާނުން އެންމެ ބޭނުންވާ ފަދަ ތަނަކަށް ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
”އެތަނުގައި މިހާރު ކިޔަވައިދެމުން ދަނީ އެންމެ ކުރީގެ ގޮތްތަކަށް އަދިވެސް. ނަމަވެސް ކިޔަވައި ދިނުމުގައި ޓެކްނޮލޮޖީގެ އެކި ވަސީލަތްތަކުގެ ބޭނުން ހިފަން ޖެހޭ،“ މިނިސްޓަރު ވިދާޅުވިއެވެ. އަދި އޮންލައިންކޮށް ކިޔަވައި ދިނުމުގެ ފުރުސަތު ވެސް ގާއިމުކުރުމުގެ މަސައްކަތް ކުރުމުގެ ވިސްނުން ހުރި ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ޕޮލިޓެކްނިކް އުފެއްދީ 2010 ވަނަ އަހަރުގެ އޭޕްރީލް 12 ވަނަ ދުވަހުއެވެ.



