ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލުގައި ބޭރުފައިސާ މާރުކުރުމަށް ބޭންކުތަކަށް ޖާގަ ދެވި، ބޭރުފައިސާ މާރުކުރުމަށް އިތުރު ލުއިތައް ލިބޭނެކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ގަވަރުނަރު ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނާލު ނިމި ބޭނުންކުރަން ފަށާއިރު، އެތަނުގައި ބޭރުފައިސާ މާރުކުރުމަށް ޖާގަތައް ހަމަޖެހިގެންދާނެ ކަމަށާއި އެފުރުސަތު ރާއްޖޭގައި ހިންގާ ހުރިހާ ބޭންކުތަކަށްވެސް ލިބޭނެ ކަމަށެވެ.
”މިއަންނަ އަހަރު އަޅުގަނޑު މަސައްކަތް ކުރަމުން މިދަނީ އިންޑަސްޓްރީއަށާއި ވިޔަފާރިތަކަށް ފަސޭހަކުރުމަށްޓަކައި، އައު ޓާމިނަލް މަސައްކަތް ނިގެންދާއިރު އަޅުގަނޑުމެން މިހާރު ބޭންކުތަކާއި އެކު މަޝްވަރާވެސް ކުރަމުންދަނީ؛ އެހެން ޤައުމުތަކުގައި ހުންނަ ގޮތަށް ހުރިހާ ބޭންކުތަކެއްގެ ފޮރިން އެކްސްޗޭންޖް ކައުންޓަރތަކެއް އަޅުގަނޑުމެންނަށް ފެނިގެންދާނެ. އޭގެ މާނައަކީ ފަތުރުވެރިއަކު 500 ޑޮލަރު މާރުކުރުމުން ހުރިހާ ވިޔަފާރިތަކަށްވެސް ފަސޭހަވެގެންދާނެ، އިންޑަސްޓްރީ ބޭފުޅުންނަށްވެސް. ނުކުމެގެންދަމުން އިތުރަށް ހުރެއްޖެއިއްޔާ މާރުކޮށްފައި ހިފައިގެންދާނީ.“ ގަވަރުނަރު ވިދާޅުވިއެވެ.
މިއީވެސް ވިޔަފާރިތަކައް ބޭރުފައިސާ މާރުކުރުމަށް އިތުރަށް ލުއިތަކެއް ދިނުމުގެ ގޮތުން ގެނެވޭ ބަދަލެއްކަން ފާހަގަކުރައްވާ ގަވަރުނަރު ވިދާޅުވީ މިއީ އެހެން ހުރިހާ ޤައުމެއްގައިވެސް ޢަމަލުކުރަމުންދާ އުސޫލެއް ކަމަށެވެ. ގަވަރުނަރު އިތުރަށް ވިދާޅުވީ މިއާއެކު ބޭންކުތައް ޖަވާބުދާރީކުރުމަށް، ހާމަކަން ބޮޑު ގޮތެއްގައި މިކަން ކުރެވޭނެ ނިޒާމެއް ޤާއިމް ކުރެވޭނެ ކަމަށެވެ.
”އަދި ޔަޤީންކޮށް މިއަރުވަނީ އިރާދަކުރެއްވިއްޔާ ސިސްޓަމްތަކެއް ހެދިގެންދާނެއޭ، ބޭންކުތައް މިހާރަށް ވުރެ ބޮޑަށް އެކައުންޓަބަލް ކުރެވޭނެ ގޮތަށްވެސް، މާނައަކީ އެ ބޭފުޅުންނަށް އަޅުގަނޑުމެން މި ދޭ ލޮކޭޝަންތައް، އެންމެ ބޭނުންވާ ފަރާތްތަކަށް ލިބޭކަން ޔަޤީންކުރުމަށް. އޭގެ ބޭނުމަކީ ދެފުށް ފެންނަގޮތަކަށް، އެމްއެމްއޭއަށްވެސް ބޭންކުތަކަށް އަދި ކަސްޓަމަރުންނަށްވެސް ފެނިގެންދާނެ އަޅުގަނޑުމެން އެލޮކޭޓް ކުރާ ފައިސާ އެންމެ ބޭނުންވާ މީހުންނަށް އިންސާފުވެރިކަމާއެކު ލިބިގެންދާތަން“ ގަވަރުނަރު މުނައްވަރު ވިދާޅުވިއެވެ.
ވެލާނާ އެއާޕޯޓުގައި މިހާރުވެސް ފުރަންދާ ފަރާތްތައް ބޭރުފައިސާ ގަތުމަށް ކައުންޓަރެއް ވަނީ ގާއިމްކޮށްފައެވެ. އެގޮތުން، އެރައިވައިލް އިން ނިކުންނަ ހިސާބުގައި ބީއެމްއެލްގެ ކައުންޓަރެއް ބޭރުފައިސާ މާރުކުރުމަށް ޤާއިމް ކުރެވިފައިވާއިރު، ވީއައިއޭއައު ޓާމިނަލާޢެކު އިތުރު ބޭންކުތަކަށް ޖާގަ ލިބިގެންދާނެ ކަމަށް އެމްއެމްއޭއިން ވަނީ ވިދާޅުވެފައެވެ.



