ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖޭގެ ފުރަތަމަ އިސްލާމިކް ވިސާ ކްރެޑިޓް ކާޑު ތައާރަފްކޮށްފިއެވެ.
ބީއެމްއެލްއިން ހާމަކޮށްފައިވާ ގޮތުގައި ބީއެމްއެލް އިސްލާމިކް ވިސާ ކްރެޑިޓް ކާޑަކީ ކަސްޓަމަރަށް ހިދުމަތް ފޯރުކޮށްދިނުމުން އެއްބަސްވެފައިވާ ފީއެއް ނެގޭ ގޮތަށް އިސްލާމިކް ބޭންކިންގެ އުޖްރާ އުސޫލުން ފަރުމާކޮށްފައިވާ ކާޑެކެވެ.
މިކާޑުގެ ކްލެސިކް، ގޯލްޑް، ޕްލެޓިނަމް އަދި ސިގްނޭޗާ ކާޑު ލިބެން ހުންނަނާނެކަން ހާމަކޮށް ބީއެމްއެލްއިން ބުނީ މި ވިސާ ކާޑަކީ ރާއްޖެ އާއި ރާއްޖެއިން ބޭރު މުއާމަލާތްތައް ކުރެވޭ ގޮތަށް އެންމެ ފަހުގެ ސަލާމަތީ ފިޔަވަޅުތައް އެކުލެވޭ ކާޑެއް ކަމަށެވެ.
މީގެއިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިޔަފާރި ކުރުމަށް ފަސޭހަކަމާ އެކު މި ކާޑު ބޭނުންކުރެވޭނެ ކަމަށާއި، ބީއެމްއެލް އިސްލާމިކް ވިސާ ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް ،ބީއެމްއެލް ރިވޯޑްސް ޕްރޮގްރާމްގައި ބައިވެރިވެ، ކްރެޑިޓް ކާޑުން ކުރާ މުއާމަލާތްތަކަށް ޕޮއިންޓް ހޯދޭނެ ކަމަށް ވެސް ބީއެމްއެލްއިން ބުނެފައިވެއެވެ.
އެގޮތުން، ފްލައިޓް ޓިކެޓް، ކާރު ކުއްޔަށް ނެގުން، ހޮޓެލް ބުކިންތަކަށް ނުވަތަ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ މާޗަންޓުންގެ ވައުޗަރު ހޯދުމަށްވެސް ރިވޯޑް ޕޮއިންޓްސް ބޭނުންކުރެވޭނެކަމަށް ބީއެމްއެލްއިން ހާމަކޮށްފައިވެއެވެ.
މި ކާޑު ތައާރަފްކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ޑައިރެކްޓާ އޮފް އިސްލާމިކް ބޭންކިން ހަސަން ކަލާމް ވިދާޅުވީ، ބޭންކުގެ ކަސްޓަމަރުންނަށްދޭ އިސްލާމިކް ބޭންކިންގެ ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ތެރެއިން ޝަރުއީ ހަމަތަކަށް ފެތޭ ކްރެޑިޓް ކާޑު ޕޯޓްފޯލިއޯއަށް ވިސާ ކްރެޑިޓް ކާޑު ތައާރަފް ކުރުމަކީ ބޭންކަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
”ބީއެމްއެލްގެ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފޯރުކޮށްދެމުންދާ ވިސާގެ ހިދުމަތްތަކާ އެއްހަމައެއްގައި އިސްލާމިކް ބޭންކިންގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިދުމަތް ބޭނުންވާ ކަސްޓަމަރުންނަށް ހާއްސަ އަދި ރައްކާތެރި ހިދުމަތެއް ފޯރުކޮށްދިނުން،“ އޭނާ ވިދާޅުވި އެވެ.
ބީއެމްއެލް އިސްލާމިކް ރާއްޖޭގެ އިސްލާމިކް ބޭންކިން ދާއިރާ ފުޅާކޮށް، ތަފާތު އާ ހިދުމަތްތައް ތައާރަފްކުރަމުންދާއިރު، މިއަހަރުގެ ކުރީކޮޅު ރާއްޖޭގެ ފުރަތަމަ ޝަރީއާ ކޮމްޕްލައެންޓް ކްރެޑިޓް ކާޑު ވެސް ބީއެމްއެލްއިން ވަނީ ތައާރަފްކޮށްފައެވެ.




