މަސްތުވާތަކެއްޗާއި އެއްކޮށް ސިފައިންގެ މީހެއް ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ނެރެފައިވާ ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑުގައި މިހާރުވެސް ވަޒީފާ އަދާކުރަމުންދާ މއ.ނައިޓްވިލާ އުމުރުން 21 އަހަރުގެ މީހެކެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ ނޮވެމްބަރު 28 ވަނަ ދުވަހުގެ ދަންވަރު 02:45 ހާއިރު ފުލުހުން މާލެތެރެ ޕެޓްރޯލުކުރަމުން ދަނިކޮށް އޭނާއަށް ފުލުހުން ފެނުމުން ހާސްވެ ބިރުގަނެ އެސަރަހައްދުން ދާން އުޅުމުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ވަނީ ހެކީގެ ގޮތުގައި އޭނާގެ ކުޑަކަމުދާ ތަކެތި ޓެސްޓުކުރިއިރު މަސްތުވާއެއްޗަކަށް ޕޮޒިޓިވް ވެފައި ވާކަމަށާއި އޭނާ ލައިގެންހުރި ސޯޓުގެ ވާތްފަރާތު ކުރިމަތީ ޖީބުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއި ސޯޓުގެ ވާތަފަރާތު އަރިމަތީ ޖީބުންވެސް މަސްތުވާ ތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައި ވާކަމަށް ބުނެ ސީނަށް ދިޔަ ފުލުހެއްގެ ބަޔާން ހުށަހަޅާފައެވެ.
ފުލުހުންގެ ބަޔާނުގައި މި މައްސަލައިގެ ކުރީގައި އޭނާގެ ކުށުގެ ރެކޯޑެއް ވެސް ހައްޔަރު ރެކޯޑެއް ވެސް ނެތް ކަމަށާއި އޭނާ އަކީ މިހާރުވެސް އެމްއެންޑީއެފްގެ ވަޒީފާގައި އުޅެމުންދާ ފަރާތެއްގެ އިތުރުން، ކުށުގެ ވެށީގައި އުޅޭ މީހެއް ނޫންކަމަށް ބެލެވޭ ކަމަށް ބުނެފައިވެއެވެ.
މީގެއިތުރުން، އޭނާގެ ހަށިގަނޑުން ފެނުނު މަސްތުވާތަކެތީގެ ބަރުދަން ޓްރެފިކިން މިންގަނޑަށް ނާރާ ކަމަށާއި އޭނާއާ ސުވާލު ވެސް ކުރެވިފައި ނުވާ ކަމަށް މިމައްސަލަ ބެއްލެވި އިންވެސްޓިގޭޓިން އޮފިސަރު ފާހަގަކޮށްފައިވެއެވެ.
އޭނާގެ ބަންދާއި މެދު ގޮތެއް ކަނޑައެޅުމަށް ކޯޓަށް ހާޒިރު ކުރުމުން ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލާފައި ވަނީ ޝަރުތުތަކާއެކު ކަމަށް ކޯޓު އަމުރުގައި އޮތް ނަމަވެސް އެއީ ކޮން ޝަރުތުތަކެއް ކަމެއް ބަޔާންކޮށްފައެއް ނުވެއެވެ.



