ނިއު ރޭޑިއެންޓް ސްޕޯޓްސް ކްލަބުން އާބާދީ ބޮޑު ރަށްތަކުގައި އެ ކްލަބުގެ އެކެޑަމީތައް ފަށަން ނިންމައިފިއެވެ.
މިކަން ހާމަކުރީ މި މަހުގެ 20 ވަނަ ދުވަހު އިންތިޚާބު ކުރެވުނު އެ ކްލަބުގެ އައު ބޯޑުގެ ފަރާތުން ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނިއު ރޭޑިއެންޓްގެ ޗެއާމަން އަހުމަދު މުބީން ވިދާޅުވީ، އެންމެ ފުރަތަމަ އެކެޑަމީ ފަށާނީ ހުޅުމާލޭގައި ކަމަށާއި ކުރިއަށް އޮތް ދޮޅު މަހެއްގެ ތެރޭގައި ޓީމު އެކުލަވާލައި، ޕްރެކްޓިސް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
މުބީން އިތުރަށް ވިދާޅުވީ، ބޮޑެތި އާބާދީތަކަށްފަހު، އަތޮޅު ތެރޭގެ ރަށްތަކުގެ ޖަމިއްޔާތަކާއި ކުޅިވަރުގައި ހަރަކާތްތެރިވާ ފަރާތްތަކާ ގުޅިގެން، ނިއުގެ އެކެޑަމީތައް މުޅި ރާއްޖޭގައި ހިންގުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި ރާއްޖޭގައި ތިބި ހުނަރުވެރި ފުޓުބޯޅަ ކުޅުންތެރިންނަށް އެ ކްލަބުން ފުރުސަތު ހުޅުވައިލަން ނިންމާފައިވާއިރު، ކުޅުންތެރިންނަށް އެ ކަމަށް އެދެވޭނެ ގޮތްތައް ކުރިޔަށް އޮތް ތަނުގައި ހާމަކުރަމުން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނިއު ރޭޑިއެންޓުން މި މަސައްކަތް ކުރަމުން ގެންދަނީ އަޑިއަޅާލާފައިވާ ދިވެހި ފުޓުބޯޅަ ނަގައި ކޮޅަށް ޖެހުމަށް ކަމަށް މުބީން ވިދާޅުވިއެވެ. އަދި ދިވެހި ފުޓުބޯޅަ ޑޮމިނޭޓު ކުރި ކްލަބުތައް ކަމަށްވާ ނިއުރޭޑިއެންޓް، ވިކްޓަރީ އަދި ވެލެންސިއާ ފަދަ ކްލަބުތަކާ ނުލައި، ދިވެހި ފުޓުބޯޅަ ކުރިއަރާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ނިއު ރޭޑިއެންޓަކީ ކުރީގައި ރާއްޖޭގެ ފަސްޓް ޑިވިޝަނުގައި ކުޅެމުންދިޔަ ކްލަބެކެވެ. ނަމަވެސް މުސާރައިގެ މައްސަލައިގައި ފީފާ އަދި އޭއެފްސީގެ ޓްރާންސްފާ ބޭނާއި އެފްއޭއެމްގެ ސަސްޕެންޝަނަކާ އެ ކްލަބަށް ކުރިމަތިލާން ޖެހުނެވެ. މިހާރު އެ ކްލަބުން ވަނީ ދެވަނަ ޑިވިޝަނުގެ ދެ މުބާރާތެއް ކުޅުމުގެ ހުއްދަ ލިބިފައެވެ.




