މިދިޔަ އަންގާރަ ދުވަހު ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅި މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލައާއި ގުޅިގެން ފުލުހުން ބަލަމުންދާ މައްސަލަތަކުގައި ފުލުހެއްގެ ބައިވެރިވުމެއް ނެތް ކަމަށް މިއަދު ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މިދިޔަ އަންގާރަ ދުވަހު ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅި މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލައަކާ ގުޅިގެން އިތުރު ތިން މައްސަލައެއް މިހާރު ތަހުގީގުކުރަމުންދާ ކަމަށެވެ.
މީހެއްގެ ވައިބާ އެކައުންޓް ކޮމްޕްރޮމައިޒްކޮށް، އެ މީހާގެ ދަންނަ މީހުންނަށް މެސެޖުކޮށް އޮޅުވާލައިގެން ފައިސާ ހޯދާފައިވާ މައްސަލައަކާއި ގުޅިގެން މީސްމީޑިއާގައި ދައުރުވަމުންދާ ޕޯސްޓެއްގައި އެ މައްސަލާގައި ފުލުހެއްގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު އާއްމުން ފާނޑުކިޔަމުން ދިޔުމާއި ގުޅިގެން ފުލުހުން ބުނީ އެ މައްސަލައާ ގުޅުންހުރި އިތުރު ތިން މައްސަލައެއް މިހާރު ތަހުގީގުކުރަމުންދާ ކަމަށެވެ.
އެ މައްސަލަ ހުށަހެޅުމާއެކު ތަހުގީގުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާ، ވައިބާ އެކައުންޓް ރިކަވާކޮށް، އެ އެކައުންޓްގެ ވެރިފަރާތުގެ ބާރުގެ ދަށަށް އެ އެކައުންޓް ގެނެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެގޮތުން ތަފާތު ތިން މީހެއްގެ އަތުން އޮޅުވާލައިގެން ހޯދި ޖުމްލަ 100’10 ރުފިޔާ، އީމެއިލް އަދި ބޭންކް އެކައުންޓް ކޮމްޕްރޮމައިޒް ވެފައިވާ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށާއި އެ ފައިސާގެ ތެރެއިން 600’5 ރުފިޔާ، ފައިސާ ދައުރުވެފައިވާ އެކައުންޓްތަކުގެ ތެރެއިން އެކައުންޓެއްގައި ހޯލްޑު ކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ފުލުހެއްގެ އެއްވެސް ބައިވެރިވުމެއް އަދި ތުހުމަތު ކުރެވިދާނެ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވެއެވެ. ނަމަވެސް އެ މައްސަލާގައި އޮޅުވާލައިގެން ހޯދި ފައިސާ ދައުރު ކުރުމުގައި ބޭނުންކުރި އެއް ބޭންކު އެކައުންޓަކީ ފުލުހެއްގެ އަނބިމީހާގެ ބޭންކު އެކައުންޓް ކަމަށާއި އެ އެކައުންޓަކީ އެ އަންހެން މީހާގެ އީމެއިލްއާއި ބޭންކް އެކައުންޓް ކޮމްޕްރޮމައިޒްކޮށްގެން އެހެން ބައެއްގެ ބާރުގެ ދަށަށް ގެންގޮސްފައިވާ އެކައުންޓެއްކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައިގެ ތަހުގީގުގެ އެއްވެސް ހިސާބަކުން ފުލުހެއްގެ ބައިވެރިވުން މިކަމުގައި ފާހަގަކުރެވިއްޖެނަމަ އެ ފުލުހެއްގެ މައްސަލަ ބަލާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މިހާރު ދިވެހި ފުލުހުންގެ ޚިދުމަތުގެ އިކޮނޮމިކް ކްރައިމްއިން މިމައްސަލަ ތަހުގީގު ކުރަމުންދާއިރު، އެ މައްސަލާގައި މަކަރާއި ހީލަތުން ހޯދާފައިވާ ފައިސާގެ ތެރެއިން ރިކަވާ ނުކުރެވިވާ ފައިސާ ރިކަވާ ކުރުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މީގެއިތުރުން ފުލުހުން ވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަން ކިލަނބުވާ ގޮތަށް މީޑިއާގެ އެކި ވަސީލަތްތަކުގައި މައުލޫމާތު ފެތުރުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ކަންބޮޑުވާ ކަމެއްކަން ފާހަގަކޮށް، އެގޮތަށް މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.



