މާލޭގެ މަގުމަތީގައި ދިރިއުޅޭ ބުޅާތައް ނަގައި ޕެޓް ކެއާ ފެސިލިޓީ، ”އޮޅު ހިޔާ“ އަށް ގެންދިޔުމުގެ މަސައްކަތް އަންނަ ހަފުތާއިން ފެށިގެން ފަށާނެ ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ހާމަކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެ ފެސިލިޓީއަށް ބުޅާތައް ގެންދަން ފެށުމުގެ އެންމެ ފަހުގެ މަޝްވަރާތައް އެންޖީއޯތަކާއެކު މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ކައުންސިލުން މަސައްކަތް ކުރަމުން ދަނީ އަންނަ ހަފުތާ، މާލެތެރޭ އުޅޭ ބުޅާތައް މަގުމަތިން ނަގަން ފަށަން ކަމަށް ވެސް ބުނެފައިވެއެވެ.
މަގުމަތީގައި ދިރިއުޅޭ ބުޅާތަކަށް 24 ގަޑިއިރުގެ ޚިދުމަތާއެކު ޚާއްސަކޮށްފައިވާ ޕެޓް ކެއާ ފެސިލިޓީ، ”އޮޅު ހިޔާ“ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުވައިދެއްވީ ހުސްވި ނޮވެމްބަރު 2 ގައެވެ. މި ފެސިލިޓީގެ އަމަލީ މަސައްކަތް ފެށިފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ 19 ވަނަ ދުވަހުއެވެ.
މާލޭގައި ބުޅާ ގިނަވެފައިވާއިރު، އޭގެ ސަބަބުން ސިއްހީ އެތައް މައްސަލަތަކެއް ވެސް ކުރިމަތިވެފައިވާކަން ފާހަގަކުރެވެއެވެ. މާލޭގައި ބުޅަލުގެ އާބާދީ 3،000 އަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް މޭޔަރު މީގެ ކުރިން ވިދާޅުވެފައިވެއެވެ.
މި މަސައްކަތް ފެށުމާއެކު މާލޭގެ މަގުމަތީގައި އުޅޭ ބުޅާތަކުގެ މައްސަލައަށް ހައްލެއް ލިބި، ސާފުތާހިރުކަމާއި ސިއްހީ ރައްކާތެރިކަން އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.



