ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އިނގިރޭސިވިލާތަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މިއަދު އެނބުރި މާލެ ވަޑައިގެންފިއެވެ.
ރައީސް އޮފީހުން މިއަދު ހާމަކޮށްފައިވާ ގޮތުގައި، ރައީސްގެ ދެކަނބަލުން އެނބުރި މާލެ ވަޑައިގެންފައިވަނީ މިއަދުގެ ހަވީރުގެ ވަގުތެއްގައެވެ. މިގޮތުން، އެ މަނިކުފާނު އިނގިރޭސިވިލާތުގައި ހޭދަކުރެއްވީ ޖުމްލަ އެއް ހަފުތާއެވެ.
ރައީސްގެ ދެކަނބަލުން އިނގިރޭސިވިލާތަށް ވަޑައިގެންނެވީ މި މަހުގެ 21 ވަނަ ދުވަހުއެވެ.
މި ދަތުރުފުޅަކީ އަމިއްލަފުޅު ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ފާހަގަކޮށްފައިވެއެވެ. އަދި މި ދަތުރުފުޅާ ގުޅޭ އިތުރު އެއްވެސް މަޢުލޫމާތެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.
ރައީސް އޮފީހުން އިތުރަށް ބުނެފައިވަނީ، މި ދަތުރުފުޅުގައި ރައީސް ކުރައްވާ އިދާރީ މަސައްކަތްޕުޅުތަކުގެ ޚަރަދާއި އާއިލާއާއި އަމިއްލަފުޅު ކަންކަން ވެސް ހިމެނޭގޮތުން، މުޅި ދަތުރުފުޅުގެ ހުރިހާ ޚަރަދެއް ވެސް ކުރައްވާނީ އެ މަނިކުފާނު އަމިއްލަފުޅަށް ކަމަށެވެ.




