ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާއި އެ އެޖެންސީގެ މުވައްޒަފުންގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ ގޮތަށް ދެކެވެމަށް ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން، އެ މައްސަލަ ތަޙުގީގުކޮށްދިނުމަށް އެންސްޕާއިން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި އެދިއްޖެއެވެ.
އެންސްޕާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ އެޖެންސީއާ ބެހޭގޮތުން ބައެއް ނޫސްތަކުން ފަތުރަމުންދާ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ. މީގެ ތެރޭގައި އެޖެންސީ ހިންގުމަށް އިމާރާތެއް ހޯދުމުގެ މުޢާމަލާތާ ގުޅޭ ވާހަކަތައް ހިމެނެއެވެ.
އެންސްޕާއިން ބުނެފައިވަނީ، އިމާރާތް ހޯދުމުގެ މުޢާމަލާތަކީ މާލީ ވުޒާރާއާއި އެންސްޕާއާ ދެމެދު، އެކަން ކުރުމަށް ކަނޑައެޅިފައިވާ ގަވާއިދާއި އުސޫލުގެ ތެރެއިން ކުރެވިފައިވާ މުޢާމަލާތެއް ކަމަށެވެ. އަދި އެއީ އެންސްޕާއާއި އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވިފައިވާ މުޢާމަލާތެއް ނޫން ކަމަށާއި، އާންމު މަޢުލޫމާތުގެ ގޮތުގައި ހާމަކަން ބޮޑު ގޮތެއްގައި މާލީ ވުޒާރާގެ މަންސަތަކުގައި ފެންނަން ހުރި މަޢުލޫމާތުތަކެއްވެސް ނޫން ކަމަށެވެ.
މީގެއިތުރުން، އެންސްޕާއިން ބުނެފައިވަނީ، އެ އެޖެންސީ ހިންގުމަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި އެ މުވައްޒަފުންގެ ޒިންމާތައް ހަވާލުކުރުމަކީ އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ކުރެވެމުންދާ ކަންކަން ކަމަށެވެ.
އެންސްޕާއިން ވަނީ، ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަމާ ގުޅުންހުރި މުއައްސަސާއަކާ ގުޅޭގޮތުންނާއި އެ މުއައްސަސާގެ މުވައްޒަފުންގެ ނަޒާހަތްތެރިކަމާމެދު ރައްޔިތުންގެ މެދުގައި ކަންބޮޑުވުމާއި ޝައްކު އުފެދޭ ގޮތަށް މަޢުލޫމާތު ފަތުރަމުންދާ ދިއުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި މިފަދަ ދޮގު މަޢުލޫމާތު ފަތުރަމުންދާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެންސްޕާއިން އޭސީސީގައި އެދިފައިވަނީ، އެ މުއައްސަސާއާއި މުއައްސަސާގެ މުވައްޒަފުންގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ ގޮތަށް ދައްކަމުންދާ ވާހަކަތަކާ ގުޅޭ ފުރިހަމަ މިނިވަން ތަޙުޤީޤެއް ހިންގައި، އެ ކަންކަމުގެ ތަފްސީލު ރައްޔިތުންނަށް ހާމަކޮށްދިނުމަށެވެ.



