ޔަހޫދީ އިޒްރޭލު ސިފައިން ޣައްޒާއަށް ދެމުން އަންނަ ނިރުބަވެރި ހަމަލާތަކުގެ ތެރެއިން، ފާއިތުވީ 24 ގަޑިއިރުތެރޭގައި 100 ރައްޔިތަކު މަރާލައިފިއެވެ.
ބޭރުގެ ޚަބަރުތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޣައްޒާގެ އުތުރު ބީތުލާހިޔާއަށް އިއްޔެ ދިން ވައިގެ ހަމަލާތަކުގެ ސަބަބުން ވެސް 75 މީހުން މަރުވެފައިވެއެވެ. މީގެ އިތުރުން ދިން ބޮމުގެ ހަލަމާތަކެއްގެ ސަބަބުން 25 މީހުން މަރުވެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ޒަހަމް ވެފައެވެ.
އިޒްރޭލުން ޕަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ މި ހަމަލާތަކުގެ ސަބަބުން އެތައް ރައްޔިތުންނެއްގެ އަމިއްލަ ގެދޮރު ގެއްލި، ކާބޯތަކެތީގެ ދަތިކަން ވެސް ވަނީ އިންތިހާއަށް ފޯރާފައެވެ. އެގޮތުން ފަލަސްތީނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މިހާރު ޣައްޒާގައި ބަނޑުހައިހޫނުކަން ވަނީ އިންތިހާއަށް ކަންބޮޑުވާ ހާލަތަށް ގޮސްފައެވެ.
މީގެއިތުރުން ރަނގަޅު ބޭސްފަރުވާ ލިބުމުގެ ދަތިކަން ވެސް ޣައްޒާގައި އިންތިހާއަށް ހުރިކަމަށާއި މިކަންކަމުގެ ސަބަބުން ވެސް ޣައްޒާގެ އެތައް ރައްޔިތަކު މިދުނިޔެއާ ވަކިވެގެން ގޮސްފައިވާ ކަމަށް އެ ޤައުމުގެ ދައުލަތުގެ މީޑިއާއިން ވަނީ ހާމަކޮށްފައެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ޣައްޒާއަށް ހުއްޓާނުލައި ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން މިހާތަނަށް ޣައްޒާއިން މަރުވެފައިވާ މީހުންގެ އަދަދު 44،363 އަށް އަރައިފިއެވެ. އަދި މިހަމަލާތަކުގެ ސަބަބުން ޣައްޒާއިން މިހާތަނަށް ޒަހަމްވެފައިވަނީ 105،070 މީހުންނެވެ.



