މިފްކޯ އިން މަސްވެރިންނަށް ދެނީ، ދޭންޖެހޭ ފައިސާގެ ބިލުގެ އެއްބައި ނޫން ކަމަށާއި މަސްވެރިންނަށް ދެނީ ދޭންވާ ފައިސާ އެއްކޮށް ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.
މަސްވެރިންނަށް ދޭންޖެހޭ ފައިސާއާ ގުޅޭގޮތުން މިފްކޯއިން މިފަދައިން ރައްދު ދީފައިމިވަނީ، ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ދެމުން އަންނަނީ ބިލުގެ ތިންބައިކުޅަ އެއްބައި ކަމަށް ދޯންޏެއްގެ ކެޔޮޅެއް ބުނެ މީސްމީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކާ ގުޅިގެންނެވެ.
އެވީޑިއޯގައި މަސްދޯންޏެއްގެ ކެޔޮޅެއް ބުނެފައިވަނީ އޭނާ މިހާރު އުޅެނީ ”ސަރުކާރުން ބޭނުންވާ ގޮތަށް“ ދޯނި ވިއްކާލާފައި ގޭގައި އޮންނަން ކަމަށެވެ. ސަބަބެއްގެ ގޮތުގައި އެމީހާ ބުނެފައިވަނީ ދޯނީގެ ފަޅުވެރިންތައް ފައިބައިގެން ގޮސްފިކަމަށާއި ހުރިހާ މަސްވެރިންނަށް ފައިސާ ޖަމާކޮށްފިކަމަށް ސަރުކާރުން ބުނެފައިވާއިރު އެފައިސާއިން ދޯނީގެ ޚަރަދަށް ފައިސާ ދައްކާފައި ފަޅުވެރިންނަށް ދޭނެ އެއްވެސް ފައިސާއެއް ނެތް ކަމަށެވެ.
”ފަޅުވެރިން ބަނޑަށް ތިބެންވީ އެހެންވީމަ ދެން ކޮންމެ ގޮތެއްވިޔަސް ދޯނިފަހަރުގެ ދަރަނި އަދާ ކުރަން ޖެހޭނެތާ. ފަޅުވެރިންތައް އެހެންވެ ފައިބައިގެން ހިނގައްޖެ، މަސްވެރިކަން ކުރަން ދޯނި ދުއްވޭކަށް ނެތް. ފައިސާ ޖަމާކުރާނެ ވާހަކަ ބުނީމަ ރޭގައި ވަރަށް އުފަލުން ހުރީ. ޚަބަރު ބަލާލިއިރު ފޮނުވީ ބިލުގެ ތިންބައިކޮށްފަ އެއްބައި. އެއީ ޚަރަދު. ފަޅުވެރިންނަށް ދޭނެ ލާރި އެމީހުން (މިފްކޯ) އަތުގައި ހުންނާނެ، ލިބޭނެ ދުވަހެއް ނޭނގެ އަދިއެއް“ އެ މަސްދޯނީގެ ކެޔޮޅު ބުނެފައިވެއެވެ.
އެ ވީޑިއޯ ހިއްސާ ކުރައްވަމުން މިފްކޯގެ ޕަބްލިކް ރިލޭޝަންސްގެ ޑިޕާޓްމަންޓް މެނޭޖަރ އިބްރާހިމް ސައީދު (ކޭޑް) ވިދާޅުވީ މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ބިލުގެ ފުލް އެމައުންޓު ދެއްކުމުން ކޫއްޑޫ އަދި އައްޑޫ ސައިޓަށް 15 ނޮވެމްބަރުގެ ނިޔަލަށް ކިރި މަހުގެ ބައި ނިމުނީ ކަމަށާއި އެ މުއްދަތުގައި ފެލިވަރު ސައިޓަށް ކިރި މަހުގެ ޕޭމެންޓް ނިންމައިދޭން މިހާރު އެކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
”އަޅުގަނޑުމެން ދެނީ ބިލުގެ އެއްބައެއް ނޫން، ފުލް އެމައުންޓް“ ކޭޑް ވިދާޅުވެފައިވެއެވެ.
މިފްކޯ ހިންގުމާ މިސަރުކާރުން ހަވާލުވީއިރު އެ ކުންފުނި އޮތީ ކުރީ ސަރުކާރުގެ ސަބަބުން ވަރަށް ބޮޑު ދަރަންޏެއްގައިކަން ”ސައުވީސް“ އަށް ވަނީ އެނގިފައެވެ. އެގޮތުން ނިމިދިޔަ ސަރުކާރުން އެޗްޑީއެފްސީން ވަނީ މަސްވެރިންނަށް ފައިސާ ދިނުމުގެ ނަމުގައި 570 މިލިއަން ރުފިޔާގެ ލޯނެއް ބޮޑު އިންޓަރެސްޓް ރޭޓުގައި ނަގާފައެވެ. އެ ލޯނުގެ ސަބަބުން ކޮންމެ ފަހަރަކު އިންޓަރެސްޓްގެ ގޮތުގައި 41 މިލިއަން ރުފިޔާ މިފްކޯއިން ދައްކަންޖެހެއެވެ. މިފްކޯގެ މާލީ ރިޕޯޓުތަކުން ދައްކާ ގޮތުގައި އެކުންފުންޏަށް ކުރިއެރުމުގެ އެންމެ ބޮޑު މައްސަލައަކަށްވެފައި ވަނީ މިމައްސަލައެވެ. ކުރީ ސަރުކާރުން ނަގާފައިވާ މިބޮޑު ލޯނުގެ ސަބަބުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެލެއްވިއިރު އެ ކުންފުނީގެ ބޮޑު ބެކްލޮގެއް އޮތެވެ. ނަމަވެސް މިފަދަ ދަތިހާލަތާއެކު ވެސް އެކުންފުނިން ބަލަނީ ވީއެންމެ އަވަހަކަށް މަސްވެރިންނަށް ދޭންޖެހޭ ފައިސާ އެއްކޮށް ދެއްކުމަށްކަން އެކުންފުނިން ބުނެފައިވެއެވެ.



