ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ”ޗާލު ވެށި – މަގޭ ޒިންމާ“ ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.
މިކަމާ ގުޅޭގޮތުން ސްޓެލްކޯއިން މިއަދު ބުނީ އެ ކުންފުނީގެ ސަބް ސްޓޭޝަންތަކާއި މަގުމަތީގައި ހުރި ޑިސްޓްރިބިއުޝަން ފޮށިތަކުގައި ތަތްކޮށްފައިވާ އިޝްތިހާރު ފަދަ ތަކެތި ނައްޓައި، ސަބް ސްޓޭޝަންތަކާއި ޑިސްޓްރިބިއުޝަން ފޮށިތައް ސާފުކުރުމަށް ސްޓެލްކޯގެ މުވައްޒަފުން ހިންގާ ”ޗާލު ވެށި – މަގޭ ޒިންމާ“ ގެ ޙަރަކާތް މިއަދު ފަށާފައިވާ ކަމަށެވެ.
މި ޙަރަކާތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމާއި، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް އަދި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ އެވެ.
މި ހަރަކާތް ފަށާފައިވަނީ ސްޓެލްކޯގެ މައި އޮފީހުގައެވެ.
”ޗާލު ވެށި – މަގޭ ޒިންމާ“ ޙަރަކާތުގެ ދަށުން ސްޓެލްކޯގެ މުވައްޒަފުން ކުންފުނީގެ ސަބް ސްޓޭޝަންތަކާއި މަގުމަތީގައި ހުރި ޑިސްޓްރިބިއުޝަން ފޮށިތަކުގައި ތަތްކޮށްފައިވާ އިޝްތިހާރު ފަދަ ތަކެތި ނައްޓައި، އެ ތަންތަން ސާފުކުރާނެއެވެ.



