ޓްވީޓެއްގެ މައްސަލައިގައި އިިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ ހުސެއިން ޝާފިއު (ތުއްތު) ފުލުހަށް ހާޒިރުކުރަން ޗިޓު ފޮނުވައިފިއެވެ.
”އެކްސް“ މެދުވެރިކޮށް ތުއްތު ކުރި ޕޯސްޓެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް ހަޑިހުތުރު ބަހުން މުހާތަބުކޮށް ބުނެފައިވަނީ 270 ރުފިޔާއަށް ސިގިރޭޓު ވިއްކި ކަމުގައިވިޔަސް އޭނާ އޭތި ގަތް ކަމަށާއި ”މަށަށް ކަލޭ މަގެއް މަތިން ނުފެންނާތި“ މިފަދައިންނެވެ.
މިފަދަ އިބާރާތަކީ ބިރުދެއްކުމުގެ އިބާރާތަކަށްވުމުގެ އިތުރުން މަރުގެ އިންޒާރު ދިނުންފަދަ ޢަމަލަކަށްވާތީ، އެ ޕޯސްޓާ ގުޅޭގޮތުން ސުވާލު ކުރުމަށް މިހާރު ތުއްތުއަށް ވަނީ ޗިޓު ފޮނުވާފައެވެ.
މިކަން ހާމަ ކުރައްވާ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އެ ޕޯސްޓުގައި ލިޔެފައި އޮތީ ”މަށަށް ކަލޭ މަގެއްމަތިން ނުފެއްނާތި!“ ކަމަށާއި، އެ ޖުމްލައިން ކޮންމެވެސް މީހަކަށް ނިސްބަތްކޮށް އެމީހަކު މަގެއްމަތިން ފެނިއްޖެނަމަ އެމީހަކަށް ޖިސްމާނީގޮތުން ގެއްލުމެއް ދީފާނެކަމަށް ދޭހަވާގޮތަށް އޮތުމުން މިކަމުގެ ތަފްސީލު ހޯދާ މިކަން ސާފުކުރުމަކީ ކަމާބެހޭ އިދާރާތަކުން ކޮންމެހެން ކުރަންޖެހޭކަމެއް ކަމަށެވެ.
”މާދަމާ މީހަކު މިފަދަ އިބާރާތެއް މަނިކުފާނަށް ނިސްބަތްކޮށް ނުވަތަ ދޭހަވާގޮތަށް ބުނެފިނަމަ އެއީ ޙިޔާލުފާޅުކުރީކަމަށް ބަލާ އަޅާނުލާ ތިބެންވީތޯ؟ އަދި އެހެން ތިއްބާ މަނިކުފާނު މަގެއްމަތިން ފެނި ޖިސްމާނީ އަނިޔާއެއް ދީފިނަމަ އެއީ ފާޅުކުރި ހިޔާލު އިތުރަށް ސާފުކޮށްދިނީކަމަށް ބަލާ އަޅާނުލާ ތިބެންވީތޯ؟ މިއީތޯ މަނިކުފާނުގެ ޒަޢާމަތެއްގައި މިގައުމުގައި ކަންކަން އޮންނާނެގޮތަކީ؟“ މިނިސްޓަރު ސުވާލު ކުރައްވާފައިވެއެވެ.
.ީގެއިތުރުން މިސަރުކާރުގައި އެއްވެސްބޭފުޅެއް އިސްތިސްނާ ނުކޮށް އެމީހެއްގެ ހަށިގަނޑާއި ފުރާނަ ރައްކާތެރިކުރެވޭނެ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށާއި ހަމައެއާއެކު ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކުގެ އިމުގެތެރޭގައި ހިޔާލުފާޅުކުރެވޭނެ އެންމެ ފުޅާމިނަށް އެކަން ކުރެވޭނެ މަގު އަބަދުވެސް ހުޅުވިފައި އޮންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އަދި ކޮންމެ ކަމެއް ސިޔާސީ ކުޅިވަރަކަށް ހެދުމަކީ ވަރަށް ޢައިރު ޒިންމާދާރު ކަމެއް ކަމުގައި ވެސް ހޯމްލޭންޑް މިނިސްޓަރު ވިދާޅުވިއެވެ.




