ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އަށް ކޮށްފައިވާ ތުހުމަތުތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ރެޖިސްޓަރ ކޮށްގެން ބަލަން ފަށައިފިއެވެ.
އެންސްޕާ ހިންގާ އިމާރާތް ކުއްޔަށް ހޯދުމުގައި ކުރެވުނު މުއާމަލާތާ ގުޅުވާ ސޯޝަލް މީޑިއާގައި ވަނީ ތުހުމަތުތަކެއް ކޮށްފައެވެ. މި ތުހުމަތުތަކާ ގުޅިގެން އެ އެޖެންސީން މިދިޔަ މަހުގެ 29 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއީ ހަގީގަތާ ޚިލާފު ތުހުމަތުތަކެއް ކަމަށާއި އިމާރާތް ހޯދުމުގެ މުޢާމަލާތަކީ ފިނޭންސް މިނިސްޓްރީއާއި އެންސްޕާއާ ދެމެދު، އެކަން ކުރުމަށް ކަނޑައެޅިފައިވާ ގަވާއިދާއި އުސޫލުގެ ތެރެއިން ކުރެވިފައިވާ މުޢާމަލާތެއް ކަމަށެވެ. އަދި އެއީ އެންސްޕާއާއި އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވިފައިވާ މުޢާމަލާތެއް ނޫން ކަމަށާއި، އާންމު މަޢުލޫމާތުގެ ގޮތުގައި ހާމަކަން ބޮޑު ގޮތެއްގައި ފިނޭންސް މިނިސްޓްރީގެ މަންސަތަކުގައި ފެންނަން ހުރި މަޢުލޫމާތުތަކެއް ނޫން ކަމަށް ވެސް ބުނެފައިވެއެވެ.
މީގެއިތުރުން، އެންސްޕާއިން ބުނެފައިވަނީ، އެ އެޖެންސީ ހިންގުމަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި އެ މުވައްޒަފުންގެ ޒިންމާތައް ހަވާލުކުރުމަކީ އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ކުރެވެމުންދާ ކަންކަން ކަމަށެވެ.
އެންސްޕާއިން ވަނީ، ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަމާ ގުޅުންހުރި މުއައްސަސާއަކާ ގުޅޭގޮތުންނާއި އެ މުއައްސަސާގެ މުވައްޒަފުންގެ ނަޒާހަތްތެރިކަމާމެދު ރައްޔިތުންގެ މެދުގައި ކަންބޮޑުވުމާއި ޝައްކު އުފެދޭ ގޮތަށް މަޢުލޫމާތު ފަތުރަމުންދާ ދިއުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި މިފަދަ ދޮގު މަޢުލޫމާތު ފަތުރަމުންދާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެންސްޕާއިން އޭސީސީގައި އެދިފައިވަނީ، އެ މުއައްސަސާއާއި މުއައްސަސާގެ މުވައްޒަފުންގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ ގޮތަށް ދައްކަމުންދާ ވާހަކަތަކާ ގުޅޭ ފުރިހަމަ މިނިވަން ތަޙުޤީޤެއް ހިންގައި، އެ ކަންކަމުގެ ތަފްސީލު ރައްޔިތުންނަށް ހާމަކޮށްދިނުމަށެވެ.
އޭސީސީން މިމައްސަލަ ބަލައިގަނެ، ރެޖިސްޓަރ ކޮށްގެން މިމައްސަލަ މިހާރު ވަނީ ބަލަން ފަށާފައެވެ.




