ހައިވޭގައި އެކްސިޑެންޓެއްވުމުން މަޑުނުކޮށް ދިޔަ ޒުވާނަކު ފުލުހުން މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ރޭގައި ވިދާޅުވީ ހައިވޭގައި ބާރު ސްޕީޑެއްގައި ޤަވާއިދާ ހިލާފަށް އޮވާޓޭކް ކުރި ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި އެކްސިޑެންޓުވި މައްސަލައެއް 29 ނޮވެމްބަރު ވަނަ ދުވަހުގެ 14:43 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މިއެކްސިޑެންޓުގައި އެސައިކަލުގައި ތިބި މީހުންނަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އެއީ ދިވެހި އަންހެނަކާއި ފިރިހެނެއް ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ. އޭގެތެރެއިން އަންހެން މީހާއަށް އަދިވެސް ފަރުވާދެމުން އަންނަ ކަމަށާއި ފިރިހެންމީހާއަށް ވަނީ ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ޤަވާއިދާ ޚިލާފަށް އޯވާޓޭކް ކުރި ސައިކަލު އެކްސިޑެންޓުވުމުން ވެސް މަޑުނުކޮށް ދިޔަ މައްސަލައިގައި އެ ސައިކަލު ދުއްވަން އިން ބ. އޭދަފުށީ ފަސްމީރު / ޝުނާން މުޙައްމަދު ޝާކިރު (22އ.) މިހާރު ވަނީ ހައްޔަރު ކޮށްފައި ކަމަށާއި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރައްވަމުންނެވެ.




