ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެޕިއުޓީ ސީއީއޯ އަދި ޗީފް އޮޕަރޭޝަންސް އޮފިސަރގެ މަގާމަށް ސަހާ ވަޙީދު އައްޔަންކުރައްވައިފިއެވެ.
މި އައްޔަންކުރެއްވުމަކީ ބީއެމްއެލްގެ ލީޑަޝިޕް އޮނިގަނޑަށް ގެނައި ބަދަލުތަކުގެ ތެރެއިން އެއް ބަދަލެވެ.
ބީއެމްއެލުން މައުލޫމާތު ދެއްވިގޮތުގައި، ސަހާ ވަޙީދަކީ 18 އަހަރަށްވުރެ ގިނަ ދުވަހު ބޭންކުގައި ޚިދުމަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާގެ އައު މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ބޭންކިންގ އޮޕަރޭޝަންސް، ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒް، ހިއުމަން ރިސޯސަސް، އެޑްމިނިސްޓްރޭޝަން އެންޑް ޕްރޮޕަޓީސް އަދި ބޭންކުގެ ޕްރޮކިއުމަންޓް ބެލެހެއްޓުން ހިމެނެއެވެ.
ސަހާ ވަނީ ބޭންކުގައި ހެޑް އޮފް ސްޓްރެޓެޖިކް ޕްލޭނިންގ އެންޑް ޗޭންޖް މެނޭޖްމަންޓް އަދި އެންމެ ފަހުން ޕީޕަލް އެންޑް ޗޭންޖް ޑިރެކްޓަރގެ މަގާމު ފުރުއަގާމު ފުރުއްވާފައެވެ. އޭނާ ވަނީ ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސް އެންޑް ޕޮލިޓިކަލް ސައިންސްއިން އިކޮނޮމިކްސް އެންޑް އިކޮނޮމިކް ހިސްޓްރީގެ ދާއިރާއިން ބެޗްލަރ އޮފް ސައިންސް ޑިގްރީ އަދި ކޮމާޝަލް ލޯގެ ދާއިރާއިން މާސްޓަރ އޮފް ލޯސް (އެލްއެލްއެމް) ހާސިލުކުރައްވާފައެވެ. މީގެ އިތުރުން، އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަޑް ބޭންކަރސްއިން ޗާޓަޑް ބޭންކަރ ޕްރޮފެޝަނަލް ކޮލިފިކޭޝަންވެސް ހާސިލުކުރައްވާފައިވެއެވެ.
ބޭންކުގެ ދިގު މުއްދަތުގެ ސްޓްރެޓެޖިކް ލަނޑުދަނޑިތަކާ އެއްގޮތަށް، ބީއެމްއެލުން ވަނީ އައު އެގްޒެކެޓިވް މެނޭޖްމަންޓް ޓީމެއްވެސް އިޢުލާނުކޮށްފައެވެ. މިގޮތުން، ނަންދަނަ ސެނެވިރަތުނެ ޗީފް ފައިނޭންޝަލް އޮފިސަރަކަށް އަދި ގެރީ ލޯޓަން ޗީފް ރިސްކް އޮފިސަރަކަށް އައްޔަންކުރައްވާފައިވެއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ މި މަގާމުތަކަށް އައްޔަނު ކުރެވުނު ކޮންމެ ބޭފުޅަކީވެސް އެ ބޭފުޅެއްގެ ދާއިރާގެ ނަމޫނާ ތަޖުރިބާކާރެއް ކަމަށާއި، އެ ބޭފުޅުންގެ ގާބިލުކަމާއި ތަޖުރިބާއާއެކު، ބީއެމްއެލުން ކަނޑައަޅާފައިވާ ތަސައްވުރަށް ވާސިލްވުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.




