ފާއިތުވި އަހަރު ދުވަސް ތެރޭގައި ސަރުކާރާއި ކައުންސިލްތަކާއެކު އޮތް ގުޅުން ބަދަހިވެ، ކައުންސިލްތަކުގެ އިތުބާރު ލިބިއްޖެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް އެއްއަހަރު ފުރުމާ ގުޅިގެން ޕީއެސްއެމްއިން ގެނެސްދިން ”ހަފްތާ 52“ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، މި ސަރުކާރުން ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ކައުންސިލްތަކަށް ޚާއްސަ ވުޒާރާއެއް އުފެއްދީ ކައުންސިލްތަކާ ގާތުން މަސައްކަތްކޮށް ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ކަށަވަރުކޮށްދިނުމަށްކަމަށެވެ.
ވަޒީރު އާދަމް ޝަރީފް ވިދާޅުވިގޮތުގައި ފާއިތުވި އެއްއަހަރުގެ ތެރޭގައި 280 އަށްވުރެ ގިނަ ކައުންސިލާއެކު ބައްދަލުވުންތައް އެ ވުޒާރާއިން ބާއްވާފައިވެއެވެ. އަދި ހަމައެހެންމެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 169 ކައުންސިލާ ބައްދަލުކުރައްވާފައިވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިއީ މި ސަރުކާރުން ކައުންސިލްތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް ކުރައްވާ މަސައްކަތްކަމަށް ވަޒީރު ވިދާޅުވިއެވެ.
”ކައުންސިލްތަކުން ސަރުކާރަށް ކުރާ އިތުބާރު ބޮޑުވެ، ކަންކަމުގައި އެއްބާރުލުން ވަރަށް ބޮޑަށް ލިބެމުން އަންނަ,“ ވަޒީރު ވިދާޅުވިއެވެ. ”ނަމަވެސް ހަޤީޤީ މާނާގައި ކައުންސިލްތައް ބާރުވެރި ކުރެވޭނީ ކައުންސިލްތަކަށް މާލީ ފުދުންތެރިކަން ލިބިގެން.“
ވަޒީރު އިތުރަށް ވިދާޅުވީ ކައުންސިލްތަކުގެ މާލީ ފުދުންތެރިކަން އިތުރުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މިގޮތުން، ކޮންމެ ކައުންސިލަކަށްވެސް ފަޅުރަށެއް ލިބޭނެ އުސޫލެއް ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރައްވާފައިވާކަމަށާއި، ކޮންމެ ރަށަކުން ލިބޭ ގްރީންޓެކްސްގެ 10 ޕަސަންޓް ކައުންސިލަށް ލިބޭގޮތަށް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
ކައުންސިލްތަކަށް އެންމެ ބޮޑަށް ބޭނުންވާ ކަމަކީ މަސައްކަތް ކުރެވޭނެ ރަނގަޅު މާހައުލެއް ޤާއިމުކޮށްދިނުންކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން، ކައުންސިލް ޢިމާރާތްތައް އެޅުމުގެ މަޝްރޫޢުއެއް ސަރުކާރުން ހިންގަމުންދާކަމަށާއި، ޤާނޫނީ ނިޒާމުގެ ތެރެއިން ކައުންސިލްތަކަށް އިތުރު ބާރުވެރިކަން ދިނުމަށް ގިނަ ބަދަލުތަކެއް ކުރިއަށް އޮތްތަނުގައި ގެނެވޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ލާމަރުކަޒީ ނިޒާމާ ބެހޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި ލާމަރުކަޒީ ނިޒާމު އޮންނަންޖެހޭ ކަމަށް ރައްޔިތުން ޤަބޫލުކޮށް، އެ ނިޒާމު ބަލައިގެންފައިވާކަމަށެވެ. ނަމަވެސް، ލާމަރުކަޒީ ނިޒާމުގެ ޤާނޫނަށް މީގެކުރިން ގެނެވުނު ބައެއް ބަދަލުތަކަކީ ޖަޒުބާތުގައި ޖެހިގެން ގެނެވުނު ބަދަލުތަކެއްކަމަށް ވަޒީރު ސިފަކުރެއްވިއެވެ.
”އޭގެތެރޭގައި ކައުންސިލްތަކުގައި ފުރަތަމަ 5 މެމްބަރުން ތިބެފައި، ފަހުން 3 މެމްބަރުން ތިބޭގޮތަށް ކަނޑައެޅި. އަދި އެއީ ދިރާސާތަކެއްގެ މައްޗަށް ބިނާކޮށްގެން ގެނެވުނު ބަދަލުތަކެއް ނޫން,“ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މި ސަރުކާރުން ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ޤާނޫނަށް އިޞްލާހުތައް ގެންނާނީ އެކަމަށް ބޭނުންވާ ދިރާސާތައް ކޮށްގެންކަމަށެވެ. އަދި މިހާރު އެފަދަ ދިރާސާތައްވެސް ނިމިފައިވާކަމަށް ވަޒީރު ހާމަކުރެއްވިއެވެ.



