އެކްސްގައި ކުރި ޕޯސްޓަކާ ގުޅިގެން ފުލުހަށް މިއަދު ހާޒިރުކުރި އެމްޑީޕީގެ އެކްޓިވިސްޓް ހުސެއިން ޝާފިއު (ތުއްތު)، އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަށް އިންކާރު ކޮށްފިއެވެ.
މީހަކަށް ބިރުދައްކާ ކަމަށް ދޭހަވާފަދަ ގޮތަކަށް އެކްސްގައިކުރި ޕޯސްޓަކާ ގުޅިގެން ސުވާލު ކުރުމަށް ޝާފިއު މިއަދު ފުލުހަށް ހާޒިރުކޮށްް، ގަޑިއިރެއްހާއިރު އެތަނުގައި ހޭދަކޮށްފައިވެއެވެ. އަދި ފުލުހަށް ޖަވާބުދާރީވުމަށްފަހު ބޭރަށް ނުކުތުމުން، އޭނާގެ ވަކީލުން ފުލުހުންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޝާފިއުގެ މައްޗަށް ފުލުހުންވަނީ ގާނޫނުލްއުގޫބާތުގެ މަތިން ތިން ތުހުމަތެއް ކޮށްފައި ކަމަށެވެ.
އެއީ:
• އަނިޔާއެއް ދީފާނެކަމުގެ ބިރު ދެއްކުމުގެ ކުށާއި
• މީހަކު މަރުވެދާނެ ނުވަތަ އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ކަމެއްގެ ބިރެއް ކުރިމަތި ކުރުވުމުގެ ކުށް، އަދި
• ހަޑިހުތުރު އެއްޗެއް ހިމެނޭ ވަސީލަތެއް ޝާއިއު ކުރުމާއި އާންމުކޮށް ހުޅުވާލައިގެން ދެއްކުމާއި އެފަދަ އެއްޗެއް ފޯރުކޮށްދިނުމުގެ ކުށުގެ ތުހުމަތެވެ.
ފުލުހުންނަށް ދީފައިވާ ބަޔާން ޝާފިއު މީގެ އިރުކޮޅެއް ކުރިން ވަނީ އެކްސްގައި ޕޯސްޓުކޮށްފައެވެ.
އެބަޔާނުގައި ޝާފިއު ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އަދި އޭނާ ކުރި ޕޯސްޓަކީ ވަކި މީހަކަށް ނިސްބަތްކޮށް ކުރި ޕޯސްޓެއް ނޫން ކަމަށާއި އެއީ މީހެއްގެ ހިތުގައި ބިރުވެރިކަން އުފެދޭނެ ވަރުގެ ޕޯސްޓެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.
މީގެއިތުރުން ޝާފިއު ބުނެފައުވަނީ ”ޗާލީ ތުއްތު“ އަކީ އޭނާ އެކްސްގައި ގެންގުޅޭ ހޭންޑްލްއެއް ކަމަށާއި އޭގެ އިތުރުން ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ. އަދި އެހިސާބުން އޭނާ ހަނު ހުރީ ކަމަށް ވެސް ބުނެފައިވެއެވެ.



