ދިވެހި ފުލުހުންގެ ޚިދުމަތުން ރާއްޖެ އަންނަ ޗައިނާގެ ފަތުރުވެރިންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމުގެ ހަރަކާތެއް ފަށައިފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ ހުކުރު ދުވަހު ފެށި މި ހަރަކާތަކީ ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާގެ ފަތުރުވެރިންނަށް ދިމާވާ ހިތާމަވެރި ހާދިސާތައް މަދުކުރުމަށްޓަކައި ޓުއަރިސްޓް ޕޮލިހުން އިސްނަގައިގެން ފަތުރުވެރިކަމާބެހޭ ވުޒާރާ އާއި ޗައިނާ އެމްބަސީ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.
މި ހަރަކާތުގެ ތެރެއިން ޗައިނާގެ ފަތުރުވެރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އައުމާއެކު އެފަތުރުވެރިންނާ ބައްދަލުކޮށް، މޫދުގެ އެކި ހަރަކާތްތަކުގައި ބައިވެރިވުމުގައި އަދި ޗުއްޓީ ހޭދަކުރުމުގައި ސަމާލުކަން ދޭންވީ ކަންތައްތަކާ ގުޅޭގޮތުން މަޢުލޫމާތު ދޭނެކަމަށް ފުލުހުން މަޢުލޫމާތު ދެއްވިއެވެ.
މީގެ އިތުރުން، މި ހަރަކާތުގެ ތެރެއިން ޗައިނާ ބަހުން ތައްޔާރުކޮށްފައިވާ ލީފްލެޓެއް ފަތުރުވެރިންނަށް ދިނުމަށް ހަމަޖެހިފައިވެއެވެ. މި ލީފްލެޓްގައި މޫދުގެ އެކި ހަރަކާތްތަކުގައި ބައިވެރިވާއިރު ފަތުރުވެރިން ސަމާލުކަންދޭންވީ ކަންކަމާއި ފަތުރުވެރިން ރާއްޖޭގައި އުޅޭއިރު ސަމާލުކަންދޭންވީ ކަންކަމުގެ އިތުރުން، ކަމެއް ދިމާވެއްޖެ ހާލަތެއްގައި އަމަލުކުރަންވީ ގޮތުގެ މައުލޫމާތާއި އިމަރޖެންސީ ހާލަތްތަކުގައި އަމަލުކުރަންވީ ގޮތުގެ މައުލޫމާތު ހިމަނާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ފަތުރުވެރިންނަށް ޚާއްސަކޮށްގެން މޫދުކުޅިވަރާއި މޫދާއި ގުޅުންހުރި އެހެނިހެން ހަރަކާތްތައް ކުރިއަށް ގެންދިއުމާއި ގުޅޭ ޤަވާއިދެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދެއެވެ. އަދި އެ ޤަވާއިދު ހެދެންދެން އަމަލުކުރާނެ މިންގަނޑެއް އެކުލަވާލައި އެއަށް އަމަލުކުރުމަށް ވުޒާރާއިން ވަނީ އަންގަވާފައެވެ.



