މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ރާއްޖޭގެ 4 ސަރަޙައްދެއްގައި ކުރޫޒް ލައިނަރތަކަށް ޚިދުމަތް ދިނުމަށްޓަކައި ކުރޫޒް ޓާމިނަލްތަކެއް ތަރައްޤީކުރުމަށރުމަށް ނިންމައިފިއެވެ. މި ނިންމުމަކީ އެ ކުންފުނިން އެކުލަވާލާފައިވާ މާސްޓަރ ޕްލޭންގެ ދަށުން ނިންމާފައިވާ ނިންމުމެކެވެ.
ޕީއެސްއެމް ނިއުސްއިން ގެނެސްދިން ”ހަފްތާ 52“ ޕްރޮގްރާމްގައި އެމްޕީއެލްގެ ރިސަރޗް އެންޑް ޑިވެލޮޕްމަންޓް ކޮންސަލްޓެންޓް އަނިލް އާދަމް ވިދާޅުވި ގޮތުގައި، މި ޓާމިނަލްތައް ތަރައްޤީކުރުމަށް ގްރީސްގެ ކޮންސަލްޓެންޓެއް ނަގައިގެން އެކަމުގެ ފީސިބިލިޓީ ދިރާސާތައް މިހާރު ކުރަމުން އަންނަ ކަމަށާއި، މި މަޝްރޫޢު ކުރިއަށް ގެންދާނީ ފަންނީ މީހުންގެ މަޝްވަރާގެ މަތިން ކަމަށެވެ.
”ކުރޫޒް ޓަމިނަލްތައް ތަރައްޤީކޮށް ޚިދުމަތް ދިނުމުގެ ޕްލޭން ވަނީ އެކުލަވާލާފައި. މި ޚިދުމަތް ދޭނީ ދެމެހެއްޓެނިވިގޮތަކަށް. އަންނަ އަހަރުގެ ޖެނުއަރީމަހު ފީސިބިލިޓީ ނިންމާލުމަށްފަހު ފުރަތަމަ ކުއަޓާގައި އަމަލީ މަސައްކަތްތައް ފެށޭނެކަމަށް މި ބަލަނީ.“ އަނިލް އާދަމް ވިދާޅުވިއެވެ.
އެމްޕީއެލްއިން ކުރޫޒް ޓާމިނަލްތައް ތަރައްޤީކުރުމަށް ނިންމާފައިވަނީ ހއ. އުލިގަމާއި، ލ. ފޮނަދޫ، އަދި އައްޑޫ ސިޓީ ހިތަދޫގައެވެ. މީގެ އިތުރުން، މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށްފަހު، މާލޭގައިވެސް މިފަދަ ޓާމިނަލްއެއް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ. މިކަމާ ގުޅޭގޮތުން އިމާރާތްކުރުމާއި ބިނާވެށި ތަރައްޤީކުރުމާ ބެހޭ ވުޒާރާއާއެކު މަޝްވަރާތައް ކުރެވިފައިވާ ކަމަށް އަނިލް އާދަމް ވިދާޅުވިއެވެ.




