ވަޒީރުންގެ މަޖިލީހަށް އެއްވެސް ބަދަލެއް ގެންނަވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައި ނުވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިހެން ވިދާޅުވެފައި ވަނީ އެކްސްގައި ’ހަސަން ކުރުސީ‘ ނަމަކަށް ކިޔާ އެކައުންޓަކުން ކެބިނެޓް ބަދަލުކުރުމަށް ރައީސް ނިންމަވާފައިވާ ކަމަށް ބުނެ ހަބަރުތަކެއް ފަތުރަމުން ދިޔަ ދަނޑިވަޅެއްގައެވެ.
އެގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވަނީ ކެބިނެޓަށް އެއްވެސް ބަދަލެއް ގެންނަވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި ނުވާކަން ކަށަވަރުކޮށްދެއްވާފައެވެ.
”ކެބިނެޓަށް އެއްވެސް ބަދަލެއް ގެންނަވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިނުވާ ވާހަކަ ދަންނަވަން“ ހީނާ ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ކެބިނެޓަށް ބައެއް ބަދަލުތައް ގެންނަވާފައެވެ. މި ބަދަލުތަކުގެ ތެރޭގައި ހިމެނެނީ މޫސާ ޒަމީރު ފޮރިން މިނިސްޓަރުކަމުން ފިނޭންސް މިނިސްޓަރުކަމަށް ބަދަލުކުރެއްވުމާއި، ޑރ. ޢަބްދުﷲ ޚަލީލް ހެލްތު މިނިސްޓަރުކަމުން ފޮރިން މިނިސްޓަރުކަމަށް ބަދަލުކުރެއްވުމާއި، އަދި ޢަބްދުﷲ ނާޒިމް ހެލްތު މިނިސްޓަރުކަމަށް އައްޔަންކުރެއްވުމެވެ.
މިހާރުގެ ސަރުކާރުގެ ކެބިނެޓްގައި 22 މިނިސްޓަރުން ހިމެނޭއިރު، އެންމެ ފަހުން އައި ބަދަލަކީ ޞިއްޙީ ޙާލަތު ހުރިގޮތުން އެގްރިކަލްޗަރ މިނިސްޓަރު ޑރ. ޢާއިޝަތު ރަމީލާ މިއަދު މަޤާމުން އިސްތިޢުފާ ދެއްވުމެވެ.



