ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން ތަރައްޤީކޮށް ބަލަހައްޓަމުންދާ އީފާސް ނިޒާމުގައި ބޭނުންކުރަމުންދާ އޮންލައިން ފޭސް ވެރިފިކޭޝަން ހިދުމަތް އަލުން ފަށައިފިއެވެ.
މި ހިދުމަތް ކުރިން ދެމުން އައި ”ސަމް އެންޑް ސަބްސްޓެންސް ޕްރައިވެޓް ލިމިޓެޑް“ (ސަމްސަބް) ކުންފުނިން މަސައްކަތް ވަކިކޮށް، އައު ވެންޑަރަކާ ހަވާލުކުރުމަށްފަހު މިހާރު ވަނީ މި ހިދުމަތް އަލުން ފަށާފައެވެ.
ކުރިން މި ހިދުމަތް ދެމުން އައި ސަމްސަބްއަކީ އިނގިރޭސިވިލާތުގައި ރަޖިސްޓްރީކޮށްފައިވާ އިޒްރޭލުގެ ބަޔަކު އުފައްދާފައިވާ ކުންފުންޏަކަށް ވުމާއެކު، އާންމުންގެ ފާޑުކިޔުން ބޮޑުވުމުން ސަރުކާރުން ވަނީ އެ ކުންފުނި ވަކިކޮށްފައެވެ. އެންސީއައިޓީން އޭރު ބުނެފައިވަނީ ސަމްސަބްއާ މި ހިދުމަތް ދިނުމަށް ހަވާލުކުރީ އެ ކުންފުންޏަކީ އިނގިރޭސިވިލާތުގެ ގާނޫނުގެ ދަށުން ހިންގާ ބަޔަކަށް ވާތީ ކަމަށެވެ. އަދި ފޮޓޯ ފިޔަވައި އެއްވެސް ދިވެއްސެއްގެ ޒާތީ މައުލޫމާތު އެ ކުންފުންޏަށް ނޭނގޭނެ ކަމަށް ވެސް އޭރު ބުނެފައިވެއެވެ.
އެންސީއައިޓީ މިއަދު އާއްމުކޮށްފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުގައި، މިހާރު މި ހިދުމަތް ދިނުމަށް ހަވާލުކޮށްފައިވަނީ ޔޫރަޕުގެ ގައުމެއް ކަމަށްވާ ލެޓްވިއާގައި ރަޖިސްޓަރީކޮށްފައިވާ ރެގިއުލާ ފޮރެންސިކްސް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. ފޭސް ވެރިފިކޭޝަން ހެދުމަށް މިހާރު ބޭނުންކުރަނީ މި ކުންފުނީގެ އެޕްލިކޭޝަނެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެންސީއައިޓީން އިތުރަށް ބުނެފައިވަނީ މި ހިދުމަތް ދިނުމުގައި ބޭރުގެ އެއްވެސް ފަރާތަކަށް ރައްޔިތުންގެ ފޮޓޯ ނުވަތަ އެހެން ޒާތީ މައުލޫމާތެއް ހިއްސާނުކުރާނެ ކަމަށެވެ. އަދި މި ހިދުމަތް ހިންގާނީ އެންސީއައިޓީގެ އެތެރޭގައި ކަމަށް ވެސް ބުނެފައިވެއެވެ.
ރެގިއުލާ ފޮރެންސިކްސްއަކީ 30 އަހަރުގެ ތަޖުރިބާއާއެކު، ސެކިއުރިޓީގެ ދާއިރާއިން ގިނަ ޑިޖިޓަލް ހިދުމަތްތަކެއް ފޯރުކޮށްދޭ، ގާބިލު އަދި ބައިނަލްއަގުވާމީ ބޮޑެތި ކުންފުނިތަކާއި ތަފާތު އެކި ގައުމުތަކަށް ވެސް ހިދުމަތްދެމުން އަންނަ އިތުބާރު ހުރި ކުންފުންޏެއް ކަމަށް އެންސީއައިޓީން ބުނެފައިވެއެވެ.ައިވެއެވެ.
މިވަގުތު ފޭސް ރިކޮގްނިޝަންގެ ހިދުމަތް ލިބޭނީ ވެބް ބްރައުޒަރެއް މެދުވެރިކޮށް އީފާސްއަށް ލޮގިންވާއިރު އެކަނި ކަމަށް އެންސީއައިޓީން މައުލޫމާތު ދީފައިވެއެވެ.




