ދިވެހި މުޖުތުމައުގައި އަންހެނުންނަށް ހުރި ގޮންޖެހުންތަކާއި ހުރަސްތައް ނުހަނު ގިނަ އެވެ. ހާއްސަކޮށް ގިނަ އެކަނިވެރި މައިންނަކީ ވަރަށް ދަތި ހާލުގައި އުޅެމުން އަންނަ ބައެކެވެ. ކިތަންމެ ހާލެއްގައި އުޅެން ޖެހުނު ކަމުގައި ވީ ނަމަވެސް ދަރިން ދޫކޮށްނުލާ ކުރިޔަށްދާން މައިން އަބަދުވެސް މަސައްކަތް ކުރެއެވެ. އެގޮތުން މިފަހަރު މި ގެނެސްދެނީވެސް އެފަދަ ހިއްވަރު ގަދަ އެކަނިވެރި މައެއްގެ ވާހަކައެވެ.
މިއީ ފުވައްމުލައް ސިޓީއަށް އުފަން ފުނާޑު، ލަގްޒަރީވިލާ، އުމުރުން 28 އަހަރުގެ ޝަޒްނާ އަހުމަދުގެ ވާހަކައެވެ. މިއީ ހިތްވަރާއި، ކެތްތެރިކަމާއި މިންނެތް މަސައްކަތުގެ ވާހަކައެކެވެ. އެކަނިވެރި މައެއްގެ ގޮތުގައި ދަރިފުޅު ބަލަހައްޓަމުން، ތަޢުލީމީ ދާއިރާއިން މަތީ ފާސްތައް ހާސިލުކޮށް، ވަޒީފާގެ މައިދާނުގައި ކުރިއަރައި ދިއުމަކީ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް ޝަޒްނާގެ ހިތްވަރާއި އަޒުމާއި މިންނެތް މަސައްކަތުގެ ސަބަބުން ގޮންޖެހުންތައް ކަޑައްތުކޮށް މިހާރު ވަނީ ކާމިޔާބީ އަށް ވާސިލުވެފައެވެ.
ޏ. އަތޮޅު ތައުލީމީ މަރުކަޒުން ގްރޭޑް 10 އާއި ހަމައަށް ތައުލީމު ހާސީލު ކުރުމަށްފަހު ޝަޒްނާ މާލެ ބަދަލުވީ މަތީ ތައުލީމު ހާސިލު ކުރުމުގެ އުއްމީދުގައެވެ. ހިއުމަން ރިސޯސެސް ދާއިރާއިން ޑިގްރީ ފައުންޑޭޝަން އާއި ހަމައަށް ކިޔަވާ ނިންމުމަށްފަހު ޝަޒްނާ ކިޔެވުން މަޑު ޖައްސާލީ ޒަވާޖީ ހަޔާތެއް ފެށުމަށްފަހުގައެވެ. ކައިވެންޏަށް އަހަރެއް ވީ ތަނާ ޝަޒްނާގެ ދިރިއުޅުމަށް ކުރިމަތިވީ ޝަޒްނާ ދުވަހަކުވެސް އުއްމީދު ނުކުރާ ފަދަ ހިތި ދުވަސް ތަކެކެވެ. ދެމަހުގެ ދަރިފުޅާއިއެކު އުމުރުން 21 އަހަރުގައި ޝަޒްނާ، ’އެކަނިވެރި މައެއްގެ‘ ގޮތުގައި ހަޔާތް ކުރިއަށް ގެންދަން ޖެހުނެވެ.
އަޅުގަނޑަށް ޝަޒްނާއާއި ބައްދަލުވިއިރު ޝަޒްނާއަކީ އުމުރުން 22 އަހަރުގެ ޒުވާން އަންހެން ކުއްޖެކެވެ. އެއް އަހަރުގެ ދަރިފުޅު ގޮވައިގެން އާއިލާގެ އެހީތެރިކަމާއި އެކު މާލޭގައި އުޅެމުން އައީ އުނދަގޫ ދިރި އުޅުމެއްގައެވެ. އެއިރުވެސް އެކަނި ދަރިފުޅު ގޮވައިގެން ޝަޒްނާ ކިޔެވުމަށް ކުރަމުން އައި މަސައްކަތްތަކުން އެއީ ހިތްވަރުގަދަ ކެތްތެރި ޒުވާނެއްކަން އެނގިގެންދިޔައެވެ.
ނޫސްވެރިއެއްގެ ހައިސިއްޔަތުން މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ޖަލްސާ ކަވަރ ކުރަމުން ދަނިކޮށް، އަޅުގަނޑަށް އަނެއްކާވެސް ޝަޒްނާ ފެނިގެން ދިޔައެވެ. މިފަހަރު ފެނުނީ ވިލާ ކޮލެޖުން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ކިޔެވުމަށްފަހު ކޯހުން އެއްވަނަ ހާސިލުކޮށް، އެކޯހުންދޭ އެންމެ މަތީ ދަރަޖަ ކަމުގައިވާ ގާސިމް އިބްރާހިމް އެވޯޑް ފޯ އެކްސެލެންސް ހާސިލުކޮށްފައިވާތީވެ އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން މަތީ ދަރަޖަ ހާސިލުކޮށްފައިވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމު ޝަޒްނާއަށް ލިބިގެންދިޔަ ތަނެވެ.

ޝަޒްނާ ހާސިލު ކުރި ކާމިޔާބީތައް ހޯދުމަށްޓަކައި ކުރި ބުރަ މަސައްކަތާއި ހިތްވަރު އެނގި ހުރެ، އެވަގުތު އަންހެނެއްގެ ހައިސިއްޔަތުން އަޅުގަނޑު ޝަޒްނާ އާއި މެދު ވަރަށް ފަޚުރުވެރިވިއެވެ.
ޝަޒްނާގެ ހަޔާތާއި، ކާމިޔާބީއަށް ވާސިލުވުމަށް އޭނާ ހިތްވަރާއިއެކު ކުރި މި އުނދަގޫ ބުރަ ދަތުރުގެ ވާހަކަ ’ސައުވީސް‘ ގެ ކިޔުންތެރިންނަށް އަޅުގަނޑު ގެނެސްދޭން ބޭނުންވިއެވެ.
ކުޑަ ދަރިފުޅު ގޮވައިގެން އެކަނިވެރި މައެއްގެ ގޮތުގައި ހުރެ މިފަދަ މަންޒިލަކަށް ވާސިލުވުމުގެ ސިއްރަކީ ކޮބައިތޯ އަޅުގަނޑު ސުވާލު ކުރުމުން ޝަޒްނާ ބުނީ ”މިއީ މެދުކެނޑުމެއް ނެތި އާއިލާ އާއި ހެޔޮއެދޭ ރަޚްމަތްތެރިންގެ ފަރާތުން ލިބެމުންދިޔަ އެއްބާރުލުމާއި ހިތްވަރުގެ ނަތީޖާ“ ކަމަށެވެ.
ދެމަހުގެ ދަރިފުޅާއިއެކު އެކަނިވެރި ހަޔާތެއް ފެށި ޝަޒްނާ، އެ އަޑިގަނޑުން އަރިއިނުގަނެވި ހުރިތަން އޭނާގެ އާއިލާއަށް ވިސްނި އެކަމުން އޭނާ ސަލާމަތް ކުރުމަށްޓަކައި އިތުރަށް ކިޔެވުމުގެ މަގު އިޚްތިޔާރު ކުރުމަށް އޭނާ ގާތު އެދުނެވެ. އާއިލާގެ އެދުމުގެ މަތިން އެހިސާބުން ޝަޒްނާ އައު ހިތްވަރަކާއި އަޒުމާއިއެކު ދަރިފުޅުގެ ހައްގުގައި އިތުރު މަތީ ތައުލީމު ހޯދުމަށް ނިންމިއެވެ.
އެދުވަހު ކަނޑައެޅި އަޒުމުގެ މަތީގައި ނުގުޑާ ހުރެ މިއަދު ޝަޒްނާ ހުރި މަންޒިލަށް ވާސިލުވުމަށްޓަކައި 2019 ވަނަ އަހަރު ބެޗެލަރ އޮފް ޝަރީޢާ އެންޑް ލޯ ކޯސް ހަދަން ފެއްޓިއެވެ.
ކުޑަ ދަރިފުޅު ގޮވައިގެން އެކަނި ކިޔެވުމަކީ ވަރަށް ބޮޑު ’ގުރުބާނީ‘ އެއްގެ ގޮތުގައި ސިފަކޮށް ޝަޒްނާ ބުނީ ކޮންމެ ދުވަހަކު ވެސް ދަރިފުޅުގެ ކަންތައްތައް ބަލަހައްޓަމުން ރޭގަނޑު ކުލާސްތަކަށް ގޮސް، ދަންވަރުގެ ވަގުތުތަކުގައި ކިޔެވުން ވެގެން ދިޔައީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ.

އެއަށްފަހު، ހާލަތު ނިޔާ ކުރި ގޮތުން ދަރިފުޅު ކައިރީގައި ބަހައްޓައިގެން ކިޔެވުން ކުރިއަށް ގެންދެވޭނެ ގޮތެއް ނެތިގެން ހަތަރު މަސް ދުވަސް ވަންދެން ދަރިފުޅާއި ދުރުގައި ހުންނަ ޖެހުންކަން ފާހަގަކޮށް ޝަޒްނާ ބުނީ ”އެއީ ހަޔާތުގައި ދިމާވި އެންމެ އުނދަގޫ ހިތްދަތި ދުވަސްތައް“ ކަމުގައެވެ. އެހިތްދަތި ކަމުގައި ހުރެ މާތްﷲ ގެ ހަޟްރަތުން ދަރިފުޅު ކައިރީގައި ހުރެގެން ކިޔެވޭނެ ގޮތެއް މިންވަރުކޮށްދިނުމަށް އެދި ރެއާއިދުވާލު ދުޢާ ކުރަމުން ދަނިކޮށް ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އޮންލައިން ކްލާސްތައް މެދުވެރިކޮށް ދަރިފުޅާ ކައިރީގައި ހުރެގެން ކިޔެވުމުގެ ފުރުސަތު ޝަޒްނާއަށް ލިބުނެވެ.
މަތީ ތައުލީމު ހޯދުމުގެ މިދަތުރުގައި ކުރިމަތިލާން ޖެހުނު އެތަކެއް ގޮންޖެހުންތަކުގެ ސަބަބުން ކިޔެވުން ހުއްޓާލަންވެސް އެތައް ފަހަރަކު ހިތަށް އެރި ކަމަށް ޝަޒްނާ ބުންޏެވެ. އެހެންނަމަވެސް ގަދަ ހިތްވަރާއިއެކު، ކުރިއަށް ދިޔުމަށްޓަކައި އާއިލާއިން ލިބުނު އެހީތެރިކަމާއި އެއްބާރުލުމުގެ ސަބަބުން އޭނާ ވަނީ ޑިސްޓިންކްޝަނާއިއެކު ފާސްވެ ބުކް ޕްރައިޒް އާއި ކޮލެޖް މެޑަލް ހާސިލު ކުރުމުގެ އިތުރުން، މުޅި ކޯހުން އެއްވަނަ ހޯދައި ގާސިމް އިބްރާހިމް އެވޯޑް ފޯ އެކްސެލެންސް އެވޯޑް ހާސިލުކޮށްފައެވެ.

ޝަޒްނާ އިތުރު ތައުލީމު ހޯދުމަށް ފެށި ދަތުރު މި ނިމުނީކީއެއް ނޫނެވެ. ޑިގްރީ ހާސިލް ކުރުމަށް ފަހު އޭނާ ވަނީ ދިވެހިރާއްޖޭގައި ބޭއްވި ފުރަތަމަ ބާރ އިމްތިހާނުން ފާސްވެފައެވެ. އަދި އެއަށް ފަހު ފުވައްމުލަކު ކައުންސިލްގައި އެޑްމިން ވަޒީފާއެއް އަދާކުރަމުން، ވިލާ ކޮލެޖުން އޮންލައިންކޮށް މާސްޓާރސް އޮފް ޝަރީއާ އެންޑް ލޯ ޝަޒްނާ ފުރިހަމަ ކުރީ އަނެއްކާވެސް ޑިސްޓިންކްޝަނާއިއެކު، ޑީންސް އެވޯޑާއި ކޮލެޖް މެޑަލް އެވޯޑު ވެސް ހާސިލްކޮށްގެންނެވެ.

މިއަދު ގާނޫނީ ގޮތުން ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައިވާ އަލްއުސްތާޛާ ޝަޒްނާ އަޙްމަދަކީ ފުވައްމުލައް ސިޓީ ކައުންސިލްގެ ލީގަލް އޮފިސަރުގެ އިތުރުން ވިލާ ކޮލެޖުގެ މާސްޓާރސް ޑިޒަޓޭޝަންގެ ސުޕަވައިޒަރެއްގެ މަގާމުވެސް ފުރަމުން އަންނަ ފަރާތެކެވެ. މީގެ އިތުރުން ޝަޒްނާ ވަނީ އިތުރު ވަކީލަކާއިއެކު އެސް.ޒީ އެޑްވޮކޭޓްސް ނަމުގައި ލޯ ފާރމެއްވެސް ހިންގަމުންނެވެ. އަދި މީސްމިޑިއާ މެދުވެރިކޮށް ގާނޫނީ ދާއިރާއިން މުޖުތަމަތު ހޭލުންތެރި ކުރުވުގެ ގޮތުން އުފައްދާފައިވާ ”އާސްކް އުސްތާޒާ“ ޕްލެޓްފޯމް ގެ އެއް ފައުންޑަރަކީ ވެސް ޝަޒްނާއެވެ.
ޝަޒްނާގެ މި ކާމިޔާބީ ތަކުން ކޮންމެ ދިވެހި ދަރިއަކަށް ވެސް، އަދި ވަކީން ޚާއްސަކޮށް ކޮންމެ އަންހެނަކަށް ވެސް އެތަކެއް އިބުރަތަކާއި ފިލާވަޅެއް ލިބޭނެކަން ޔަގީނެވެ. ހިތްވަރާއި އަޒުމަކާއިއެކު މަސައްކަތް ކޮށްފިނަމަ، ކިތަންމެ ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވި ކަމުގައި ވިޔަސް، ކާމިޔާބީއަށް ވާސިލްވެވިދާނެ ކަން ޝަޒްނާގެ ހަޔާތުން އެނގިގެންދެއެވެ.
”އަޒުމެއް އޮތިއްޔާ ކިތަންމެ ދަތި ހާލުގައި، ކިތަންމެ ގޮންޖެހުންތަކެއް ކުރިމަތި ވިޔަސް މާތްﷲ ގެ އިރާދަފުޅާއިއެކު އެމީހަކަށް ގޮތެއް ފަހިކޮށްދެއްވާނެ. ކުރިއަށް ދާން އޮތް މީހަކަށް ގޮތެއް ހުސްނުވާނެ“ ހަޔާތުގެ ވާހަކަތައް އަޅުގަނޑާ ހިއްސާ ކުރަމުން ޝަޒްނާ ބުންޏެވެ.

މިއަދު މިހިސާބަށް ވާސިލުވުމަށް މުޅި އާއިލާއިން ވެސް ވަރަށް ބޮޑަށް ހިތްވަރުދީ އެއްބާރުލުންދީފައިވާކަން ފާހަގަކޮށް ޝަޒްނާގެ ކާމިޔާބީގެ ފަހަތުގައި ޚާއްސަކޮށް ލޯބިވާ މަންމަ އައި ދައްތަ ޚަދީޖާ ވާކަން އޭނާ ފާހަގަ ކުރިއެވެ. އަދި މިހުރިހާ ހިތްވަރަކާއިއެކު މިމަސައްކަތް ކުރީ ލޯބިވާ ދަރިފުޅުގެ ހައްގުގައި އެދަރިފުޅަށްޓަކައި ކަމަށް ލޮލުން ކަރުނަ ފުހެލަމުން ޝަޒްނާ ބުންޏެވެ.
މިއަދު ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުންނާއި އެކަނިވެރި މައެއްގެ ހައިސިއްޔަތުން ޝަޒްނާ މިފުރުސަތުގައި އޭނާ ހުރި ފަދަ ހާލަތުގައި ތިބި އަންހެނުންނަށް އެހީތެރިވެ، އެފަދަ އަންހެނުންނަށް މަގު ކޮށައި ދިނުމަށް އެދުނެވެ. އެފަދަ އަންހެނުންނަށް އެންމެ ފުރަތަމަ ވެސް ހިތްވަރުދޭ ބަޔެއްގެ ގޮތުގައި އާއިލާވާންޖެހޭނެ ފާހަގަކޮށް ޝަޒްނާ ބުނީ މިމުޖުތަމައުގައި ވަރަށް ގިނަ އަންހެނުންނަށް ބޭނުންވާ ސަޕޯޓު ނުލިބުމުގެ ސަބަބުން ކުރިއަށް ދެވޭނެ ގޮތެއް ނެތިފައި ތިބޭ ކަމަށެވެ.

”އަންހެނުން ކުރިއަށްދިއުމަށް ބޭނުންވަނީ އާއިލާގެ އެހީތެރިކަމާއި އެކުވެރިންގެ ހިތްވަރު އަދި މުޅި މުޖުތަމަޢުގެ އެއްބާރުލުން“ ޝަޒްނާ ބުންޏެވެ.
”ކުރިއަށްދާނެ މަގެއް ނެތް ގޮތް ހުސްވެފައިވާ އެކަނިވެރި މައިންނަށް އެންމެ ބޭނުން ވަނީ އާއިލާގެ އެހީތެރިކަމާއި ހެޔޮއެދޭ އެކުވެރިންގެ ހިތްވަރު. ދަރިފުޅު ކަންތައްތައް ބަލަހައްޓަމުން، ކިޔަވަމުން، ވަޒީފާ އަދާކުރަމުން، ހުރިހާ ކަމެއް ބެލެންސްކުރުމަކީ އުނދަގޫ ކަމަކަށް ވާނެ. އެހެންނަމަވެސް ރަނގަޅު ޕްލޭނިންގ އާއި ވަރުގަދަ އަޒުމަކާއިއެކު އެއްވެސް ހާލެއްގައި ގިވް އަޕް ނުކޮށް، މާތްﷲ ގެ ވާގިފުޅާއިއެކު ކުރިއަށް ދިޔުމުން، ހުރިހާ ކަމެއް ވެސް ހާސިލު ކުރެވޭނެ“ ޝަޒްނާ ބުންޏެވެ.




