އާންމު ސިއްހަތަށް ގެއްލުންވާ ގޮތަށް ބިދޭސީން ދިރިއުޅެމުންދިޔަ ދެ ތަނެއް ރެއިޑު ކޮށްފި ޖުމްލަ 14 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މިކަން ހާމަކުރަމުން އިމިގްރޭޝަނުން ”އެކްސް“ މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޓާސްކުފޯހުން ރޭ ކުރިއަށްގެންދިއަ ރެއިޑު އޮޕަރޭޝަނެއްގައި އާންމު ސިއްހަތަށް ގެއްލުންވާގޮތަށް ހުޅުމާލޭގައި ބިދޭސީން ދިރިއުޅެމުންދާ ދެ އެކޮމޮޑޭޝަން ބްލޮކެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އެގޮތުން ފުރަތަމަ ބަލާފައިވާ ތަނުން ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީ 09 ފިރިހެނުން އަދި ދެވަނަ ތަނުން ބިދޭސީ 03 އަންހެނަކާއި 02 ފިރިހެނުން ހިމެނޭހެން ޖުމްލަ 14 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
ޤާނޫނައި ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމަށް ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަހީދު ވަނީ ދާދިފަހުން ވިދާލުވެފައެވެ.
ޝަމްޢާން ވިދާޅުވީ މި ފާއިތުވީ އަހަރުގައި އާންމު ރައްޔިތުން ވަނީ އިމިގްރޭޝަން އޮފިސަރުން ވަރަށް ބޮޑަށް ބަލައިގެންފައި ކަމަށާއި އެގޮތުން އެ އޮފިސަރުންނަށް ކުރިން ނުދޭ އިތުބާރާއި ޤަދަރު މިހާރު ދެމުންދާ މަންޒަރު ސޯޝަލް މީޑިއާއާއި އެހެނިހެން މީޑިއާތަކުގެ ޒަރިއްޔާއިން ވެސް ފާހަގަ ވެފައިވާ ކަމަށެވެ.
މިއީ އޭނާ އުފަލާއެކީގައި ވަރަށް ބޮޑަށް ބަލައިގަންނަ ކަމެއް ކަމަށާއި ކުރިއަށްއޮތްތަނުގައި ވެސް ދޭން ބޭނުންވާ ޔަގީންކަމަކީ ރައްޔިތުން ހިތްހަމަނުޖެހޭނެފަދަ ކަމެއް އިމިގްރޭޝަނުން ނުކުރާނެކަމުގެ ޔަގީންކަންކަމަށް ޝަމްޢާން ވިދާޅުވިއެވެ.
”އާންމުންގެ އެކްސްޕެކްޓޭޝަނާ އެއްވަރަށް މަސައްކަތްކޮށް، ޤާނޫނާއި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ކަންތައްތައް އެއްކޮށް ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ“ އިމިގްރޭޝަން ކޮންޓްރޯލަރ ވިދާޅުވިއެވެ.
މީގެއިތުރުން ޝަމްޢާން ވިދާޅުވީ މި ތިން އަހަރަކީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލު ކުރުމަށް ކަނޑައަޅާފައިވާ ތިން އަހަރު ކަމަށެވެ. އެގޮތުން މިއަހަރަކީ މި މަސައްކަތުގެ ފެށުން ކަމަށާއި ކުރިއަށް އޮތް ދެ އަހަރުގައި މި މަސައްކަތް ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.



