އެޓާނީ ޖެނެރަލްގެ އޮފީސް ސިވިލް ސާވިސްއިން ވަކިކޮށް ވަކި ހިދުމަތެއްގެ ގޮތުގައި ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލިހަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުالله ރިފާއު (ބޮޗޭ) އެވެ. އެ ބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވާފަ އެވެ.
މިފަދަ ބިލެއް ހުށަހެޅުމުގެ ބޭނުމަކީ ބަންޑާރަނައިބުގެ މަގާމަށް އައްޔަންކުރެވޭ ފަރާތެއްގައި ހުންނަޖެހޭ ޝަރުތުތަކާއި ބަންޑާރަނައިބުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާއި އެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި ބަންޑާރަ ނައިބު ތަބާވާންޖެހޭ ހަމަތައް ކަނޑައެޅުން ކަމުގައި ބުނެފައިވެއެވެ.
މީގެއިތުރުން އޭޖީ އޮފީހުގެ މަސައްކަތްތައް ރޭވިފައިވާ ގޮތާއި އެ އޮފީސް ހިންގުމާގުޅޭ އުސޫލުތަކާއި އެ އޮފީހުގެ މުވައްޒަފުންނާގުޅޭ އެންމެހާ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުމަކީވެސް އެ ބިލުގެ ބޭނުމެއްގެ ގޮތުގައި ހިމަނާފައިވެއެވެ.
ބިލުގައިވާ ގޮތުން ބަނޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުން ދެ ބަޔަކަށް ބަހާލާނެ އެވެ. އެއީ ލީގަލް ސާވިސް ބަޔާއި އެޑްމިނިސްޓްރޭޓިވް ސާވިސްގެ ބައެވެ.


