އަލަށް ރިޓަޔަރ ކުރާ މީހުންނަށް އެލަވަންސް ނުދޭން ނިންމި ނިންމުން ސަރުކާރުގެ ފަރާތުން ބަދަލުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ކުރިން ނިންމާފައިވަނީ ސަރުކާރުގެ ވަކިވަކި އިދާރާތަކުން ހިންގާ އަމިއްލަ ރިޓަޔަމެންޓް ސްކީމްގެ ތެރެއިން، އަންނަ މަހުގެ 1 އިން ފެށިގެން ވަޒީފާ އިން އަލަށް ރިޓަޔާވާ މުވައްޒަފުންނަށް މަހުން މަހަށް ދޭން ކަނޑައަޅާފައިވާ އެލަވަންސްތައް ދިނުން ހުއްޓާލުމަށެވެ.
ނަމަވެސް މިކަމާ ގުޅިގެން ކަންބޮޑުވުންތައް ހުރުމާއެކު އެ ނިންމުމަށް ބަދަލެއް ނުގެނެސް ރިޓަޔަރ ކުރާ ސަރުކާރު މުވައްޒަފުންނަށް މަހުން މަހަށް އެލަވަންސް ދޭން ނިންމާފައިވާކަމަށް ސަރުކާރުގެ ފަރާތުން ވަނީ ”ސައުވީސް“ އަށް ޔަގީންކޮށްދެއްވާފައެވެ.
އަލަށް ރިޓަޔަރ ކުރާ ސަރުކާރު މުވައްޒަފުންގެ އެލަވަންސް ކަނޑާލަން ނިންމާފައިވާކަން، ފިނޭންސް މިނިސްޓަރު އަދި ނޭޝަނަލް ޕޭ ކޮމިޝަންގެ ރައީސް މޫސާ ޒަމީރު ސޮއި ކުރައްވާ ސަރުކާރު އޮފީސްތަކަށް ފޮނުވި ސިޓީއަކުން އަންގާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.
އެ ސިޓީގައި ބުނެފައިވަނީ ސަރުކާރުގެ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ހަރަދު ކުޑަ ކުރުމުގެ ސިޔާސަތުތަކުގެ ތެރެއިން މާލީ ނިޒާމް ހަރުދަނާކުރުމަށްޓަކައި މިހާރު އަމަލުކުރަމުންދާ ގޮތަށް ބައެއް އިސްލާހުތައް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ދައުލަތުގެ ވަޒީފާތަކުން މުސްކުޅި ކުރާ މުވައްޒަފުންނަށް މަހުން މަހަށް ދޭ އެލަވެންސް ޖެނުއަރީ 1 އިން ފެށިގެން އަލަށް ވަޒީފާއިން މުސްކުޅި ކުރާ މުވައްޒަފުންނަށް ދިނުން ހުއްޓާލުމަށް ނިންމާފައިވާ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.
ނަމަވެސް މި އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް ވަޒީފާއިން މުސްކުޅިވެ މަހުން މަހަށް އެލަވެންސް ލިބެމުންދާ މުވައްޒަފުންނަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި މަހުން މަހަށް ލިބެމުންދާ އެލެވެންސް ލިބެމުންދާނެ ކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން އިދާރާތަކުން އެ އެލަވެންސް ދިނުމުގައި އަމަލުކުރާ ގަވާއިދަށް ގެންނަންޖެހޭ އިސްލާހުތައް ގެނެސް، ޖެނުއަރީ 1 ފެށިގެން ތަންފީޒުކުރުމުގެ ގޮތުން ގަވާއިދަށް ގެންނަ ބަދަލުތަކާއެކު ގެޒެޓްކުރުމުގެ ހުއްދައަށް އެދި ފިނޭންސް މިނިސްޓްރީއަށް ހުށަހަޅާ، އަންނަ މަހުގެ 15 ގެ ކުރިން އެ އިސްލާހު ގެޒެޓްކޮށް ނިންމަންވާނެ ކަމަށް ވެސް އެސިޓީގައި ބަޔާންކޮށްފައިވެއެވެ.


