ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ކުއްޔަށް ހިފި އިމާރާތެއްގައި މޯލްޑިވްސް މީޑިއާ ޓީވީ (އެމްޓީވީ) ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައި ނުގަންނަން އެމަޖިލިހުން މިއަދު ނިންމައިފި އެވެ.
މިމައްސަލަ މަޖިލިހަށް ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
މިއަދުގެ ޖަލްސާ ފައްޓަވާ ދެއްވަމުން މަޖިލިހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 197 ވަނަ މާއްދާގެ (ކ) ގައި ކުއްލި މައްސަލައެއްގައި ހުންނަންވާނެ ކަމަށް ބަޔާންކުރާ ޝަރުތު ފުރިހަމަ ނުވާތީ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ 197 ވަނަ މާއްދާގެ (ކ) ގައި ބުނެފައިވަނީ ކުއްލި މައްސަލައަކީ ހަގީގަތެއްގެ މައްޗަށް ބިނާކޮށް ހުށަހެޅޭ ކަމަކަށް ވާން ޖެހޭނެ ކަމަށެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނެފައިވަނީ އެންސްޕާގެ އޮފީސް ހިންގުމަށްޓަކައި އިމާރާތެއް ކުއްޔަށް ނެގުމަށް ޖޫން 25 ގައި ޓެންޑާ ބޯޑް މެދުވެރިކޮށް ކުރި އިއުލާނާ ގުޅިގެން ބިޑު ހުށަހެޅި ފަރާތްތަކުގެ ތެރޭގައި ހިމެނޭ މޯލްޑިވްސް މީޑިއާ ހައުސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަށް ބިޑު އެވޯޑުކޮށްފައިވާ ކަމަށެވެ.
އެގޮތުން އެ ބިޑުގެ ދަށުން ހަތަރު ފަންގިފިލާ ހިމެނޭ އެ އިމާރާތުގެ ފަސް އަހަރު ދުވަހަށްވާ ކުއްޔަނީ 34.8 ރުފިޔާއެވެ. އެއަދަދު އެއްކޮށް ދައްކާފައިވަނިކޮށް އޭގެ ތެރެއިން 2 ފްލޯ، ”އެމްއެމްޓީވީ“ ހިންގަން އިތުރު ކުއްޔަކާ ނުލާ ދީފައިވާ ކަމަށް ސޯޝަލް މީޑިއާގެ އެކި ފްލެޓް ފޯމްތަކުގައި ތުހުމަތު ކުރެވެމުންދާ ކަމަށް އެ މައްސަލާގައި ބުނެފައިވެ އެވެ.



