މަސްތުވާތަކެތީގެ ވިޔަފާރިން ހޯދާ ފައިސާ އާއި މުދާ ދައުލަތަށް ނެގޭގޮތަށް މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް އިސްލާހު ހުށަހަޅުއްވައިފިއެވެ.
މސަރުކާރުގެ ފަރާތުން ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު ހުށަހަޅުއްވާފައިވާ މިއިސްލާހު ހުށަހެޅުއްވި މައިގަނޑު ސަބަބަކީ ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި އާއި ޓްރެފިކިންގ އިތުރުވަމުން ދިއުމާއި، މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އަދަދު އިތުރުވަމުން ދިއުމެވެ. މީގެ އިތުރުން މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތައް އިތުރުވަމުން ދިއުމާ ގުޅިގެން، މިކަންކަން ހުއްޓުވުމަށް ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ލިބިދޭ ބާރުތައް އިތުރުކުރުމަށްވެސް މި އިސްލާހުގައި ހިމަނާފައިވެއެވެ.
މި އިސްލާހުގައި ހިމެނޭ މުހިންމު ބައެއް ކަންތައްތަކުގެ ތެރޭގައި:
- މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ހަރުދަނާ ގޮތެއްގައި ފަރުވާދީ، މުޖުތަމައުއަށް އަނބުރާ ރުޖޫއަވެވޭނެ ފުރުޞަތު ދިނުމަށް ނިޒާމު ހަރުދަނާކުރުން
- އަލަށް ކޮންޓްރޯލް ކުރަންޖެހޭ މަސްތުވާތަކެތި ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ތައާރަފުކުރުން
- މަސްތުވާތަކެއްޗާ ގުޅޭ އިތުރު ކުށްތަކާއި އަދަބުތައް ކަނޑައެޅުން
- ޑްރަގު ކޯޓު ހިންގުމުގެ އުސޫލުތަކާއި ފަރުވާގެ ޕްރޮގްރާމްތައް މުރާޖައާކުރުން
- ނޭޝަނަލް ޑްރަގް ކައުންސިލްގެ މެންބަރުންގެ އަދަދު 13 އަށް އިތުރުކުރުން
މި އިސްލާހުގެ އެންމެ މުހިންމު ބަދަލަކީ މަސްތުވާތަކެތީގެ ކުށްތަކުގައި ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭގޮތަށް ބަދަލުކުރުމެވެ. މީގެ އިތުރުން، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށެއްގެ ޝަރީއަތުގައި ދައުވާ ލިބޭ ފަރާތުގެ މައްޗަށް ކުށް ސާބިތު ނުވިޔަސް، ވަކި ޝަރުތުތަކެއް ފުރިހަމަވާނަމަ، އެ ކުށަކާ ގުޅިފައިވާ ފައިސާ ނުވަތަ މުދާ ދައުލަތަށް ނެގުމަށް ކޯޓުން އަމުރު ކުރަންވާނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން، ރާއްޖެއަށް ވައިގެ މަގުންނާއި ކަނޑުމަގުން އެތެރެކުރާ މަސްތުވާތަކެތި ހުއްޓުވުމަށް ކަސްޓަމްސްގެ އޮފިސަރުންނާއި ފުލުހުންނަށް ލިބޭ ބާރުތައްވެސް މި ބިލުގެ ދަށުން ހަރުކަށިކޮށްފައިވާކަން ފާހަގަކުރެވެއެވެ.



