ރާއްޖޭގެ ދެވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީގެ ގޮތުގައި އޮތް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވާލުމަށް އެ ޕާޓީގެ ސެނެޓުން މިއަދު ނިންމައިފިއެވެ. މި ނިންމުން ނިންމީ މިއަދު ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އޮފީހުގައި ބޭއްވުނު ސެނެޓް ބައްދަލުވުމުގައެވެ.
ޕާޓީ އުވާލުމަށް ނިންމީ ބައްދަލުވުމުގައި ބައިވެރިވި 42 ސެނެޓަރުންގެ އިއްތިފާގުންނެވެ. މި ނިންމުން ފާސްވުމަށް ބޭނުންވަނީ 38 ސެނެޓަރުންގެ ވޯޓެވެ. މިއަދުގެ ސެނެޓް ބައްދަލުވުމުގެ ކުރިން، ޕާޓީ އުވާލުމުގެ މަސައްކަތް ފަސޭހަކުރުމަށްޓަކައި ޕާޓީގެ އަސާސީ ގަވާއިދަށް ބަދަލުތަކެއް ގެނެސްފައިވެއެވެ.
މި ބަދަލުތަކުގެ ތެރޭގައި، ޕާޓީ އުވާލުމަށް ބޭނުންވާ ސެނެޓަރުންގެ އަޣުލަބިއްޔަތު 3/4 އިން 2/3 އަށް ދަށްކުރުމާއި، ކުރިން ހަމައެކަނި މާލީ ސަބަބުތަކަށްޓަކައި ޕާޓީ އުވާލުމަށް ހުށަހެޅޭގޮތަށް އޮތް މާއްދާ، ލީޑަރޝިޕަށް ފެނިއްޖެ ހިނދެއްގައި ޕާޓީ އުވާލުމަށް ހުށަހެޅޭގޮތަށް ބަދަލުކުރުން ހިމެނެއެވެ.
ޕީއެންސީ އާއި ޕީޕީއެމްއަކީ ދެ ވަކި ޕާޓީއެއް ނަމަވެސް، މި ދެ ޕާޓީ ވަނީ ޖޮއިންޓް ކައުންސިލެއް އުފައްދައި، އެއް ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އައިސްފައެވެ. މި ކޯލިޝަންގެ ލީޑަރަކަށް އަބަދުވެސް ހުންނަނީ އެންމެ ބޭފުޅެކެވެ. ކުރިން ކޯލިޝަންގެ ލީޑަރަކަށް ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. ނަމަވެސް، ޔާމީން ޕީޕީއެމުން ވަކިވުމާ ގުޅިގެން، ކިގެން، ކޯލިޝަންގެ ލީޑަރުކަމަށް ރައީސް މުޙައްމަދު މުއިއްޒު ހަމަޖެއްސުނެވެ.
މި ނިންމުމާއެކު، ރާއްޖޭގެ ސިޔާސީ މަޝްރަޙުގައި ބޮޑު ބަދަލެއް އަންނާނެކަމަށް ބެލެވެއެވެ. ޕީޕީއެމް އުވާލުމުން، އެ ޕާޓީގެ މެންބަރުންނަށް ކުރިއަށް އޮތް ތަނުގައި އެހެން ސިޔާސީ ޕާޓީތަކަށް ބަދަލުވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.



