ޖަލުތަކުގައި ޙުކުމް ތަންފީޛުކުރަމުންދާ ޤައިދީންނަށް ހިންގޭ ރީހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ ބައެއްގެ ގޮތުގައި ޖަލުގެ އެތެރޭގައާއި އަދި ބޭރުގައި ތަފާތު އެކި މަސައްކަތްތައް ކުރުމުގެ ފުރުޞަތު ފަހިކޮށްދީ، އެޕްރޮގްރާމްތައް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފުރިހަމަ ކުރާ ފަރާތްތަކަށް، އެކަމާ ގުޅުވައިގެން ކަނޑައެޅިފައިވާ ނިޒާމެއްގެ ތެރެއިން ޙުކުމަށް ލުއި ދިނުމާއި، ޙުކުމް މަޢާފުކޮށްދިނުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސް މިގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއިން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.
ވަޒީރުންގެ މަޖިލީހުގެ އެ ޖަލްސާއަށް ހުށަހެޅުއްވި ކަރުދާހުގައިވާ ގޮތަށް، ރީހެބިލިޓޭޝަން ފްރޭމްވަރކަށް އަމަލުކުރަން ފެށުމަށާއި، ޖަލުތަކުގައާއި، ޖަލުން ބޭރުގައި ޤައިދީންނަށް ވަޒީފާ އަދާކުރެވޭނެ ފުރުޞަތުތައް އިތުރުކުރެވޭނެ ގޮތަށް ނިޒާމް ބަދަލުކުރުމަށާއި، ރީހެބިލިޓޭޝަން ފްރޭމްވަރކާއި، މަޢާފުދިނުމާއި، ޕެރޯލް ހަމަޖެއްސުމާއި އަދި ޙުކުމަށް ލުއި ދިނުމުގެ ނިޒާމް ގުޅުވާލުމަށާއި، ކޮމިއުނިޓީ ސަރވިސް އިތުރަށް ފުޅާކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކަރުދާހުގައިވާ ގޮތުގެ މަތިން އެޅުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. މިގޮތުން މި ކަންކަން ކުރުމަށްޓަކައި ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކާއި ހަވާލުކުރެވި، އެކަންކަން ތަންފީޛު ކުރުމަށްޓަކައި ކުރަންޖެހޭ މައިގަނޑު ކަންކަން ހާސިލްކުރުމަށް ޓައިމްލައިނެއް އެކުލަވާލައި، އެކަންކަން ހާސިލްކުރެވޭ މިންވަރު ބެލުމަށްވެސް ހަމަޖައްސަވާފައިވެއެވެ.



